ފ. ބިލެއްދޫން ފުރައިގެން 169 މީހުންނާ އެކު މާލެ ދަތުރުކުރި "ހިތްވަރު ބޯޓު"ގެ އިންޖީނުން ދުންއަރަމުންދާތީ އެބޯޓުން ދަތުރުކުރި މީހުން މާލެ ގެނައުމުގައި ފުލުހުންނާއި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު މާލެއާއި ވިލިމާލެއާ ދެމެދު އޮތް ބޯޓަކުން ދުންއަރާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މެރިން ޕޮލިސްގެ ދެ ލޯންޗެއް ވަނީ އެބޯޓު ކައިރިއަށް ގޮސް އެބޯޓުން ދަތުރުކުރި މީހުން މާލެ ގެނައުމުގައި ހަރަކާތްތެރިވެފައެވެ.

ފުލުހުންގެ ދެ ލޯންޗެއްގެ އިތުރުން ކޯސްޓް ގާޑްގެ އުޅަނދެއްވެސް މީހުން މާލެ ގެނައުމުގައި ހަރަކާތްތެރިވެފައިވެއެވެ.

ފުލުހުން ބުނީ، ކޯސްޓް ގާޑާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެބޯޓުން ދަތުރުކުރި 169 މީހަކު ސަލާމަތާއި ރައްކާތެރިކަމާއެކު ވަނީ މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ހިތްވަރު ބޯޓުގެ އިންޖީނުން ދުން އަރާތީ މިވަގުތު ބޯޓު އޮތީ އެންކަރު ކޮށްފައިކަމަށާއި ދޯނީގެ ވެރިފަރާތުން އިންޖީނިއަރަކު ގެންގޮސްގެން އިންޖީނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަން މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މިއަދު ހެނދުނު ހިނގި މިހާދިސާ ހިނގާފައިވަނީ މާލެއާ ވިލިމާލެ އާ ދޭތެރެއިން ކަމަށާއި ބޯޓުގެ އިންޖީނުން ދުން އަރާތީ އިންޖީނު ނިއްވާލި ކަމަށް ބޯޓުގެ ކެޕްޓަން މަޢުލޫމާތު ދިން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތްވަރު ބޯޓުގެ އިންޖީނުން ދުން އަރަން ފަށާފައިވަނީ އެ ބޯޓުގެ ފިއުލް ޕަމްޕަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.