28 Sep 2015, 09:14
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި މެލޭޝިޔާގެ އުތަރާ ޔުނިވާސިޓީ ގުޅިގެން ރާއްޖޭގެ ޖަލު އޮފިސަރުންނަށް ޑިޕްލޮމާ އާއި މާސްޓާސް ފެންވަރުގެ ކޯސްތަކެއް ހިންގުމަށް މަޝްވަރާކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތުދޭ ގޮތުގައި އެ މަޝްވަރާތައް ކޮށްފައިވަނީ މެލޭޝިޔާގެ ޑައިރެކްޓަރު ޖެނެރަލް އޮފް މެލޭޝިޔަން ޕްރިޒަންސް، ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރުގެ ދައުވަތަކަށް ރާއްޖޭގެ ކޮމިޝަނަރު އޮފް ޕްރިޒަންސް (ސީޕީ) މުހައްމަދު ހުޝާމް މިހާރު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގަ އެވެ.
އިއްޔެ ހެނދުނު ބޭއްވި އެ މަޝްވަރާގައި ސީޕީ ހުޝާމް ވަނީ މެލޭޝިޔާގެ އުތަރާ ޔުނިވާސިޓީގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ޔުނިވާސިޓީން މެލޭޝިޔާގެ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަށް އަމާޒް ކޮށްގެން ކުރިޔަށްގެންދާ ޑިޕްލޮމާ އަދި މާސްޓާސް ފެންވަރުގެ ކޯސްތަކުގައި ރާއްޖޭގެ ޖަލު އޮފިސަރުން ބައިވެރިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުން، ކޯހަށް ހިނގާނެ ހަރަދު ކުޑަކޮށް ގިނަ މުވައްޒަފުންނަށް އެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ބޭނުމުގައި އުތަރާ ޔުނިވާސިޓީގެ ޕްރޮފެސަރުންނާއި ލެކްޗަރާއިން ރާއްޖެ ވަޑައިގެން ރާއްޖޭގައި ކޯސްތައް ކުރިއަށް ގެންދިއުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެ އެވެ.
ކަރެކްޝަނަލް ސާވިސްއިން މައުލޫމާތުދޭ ގޮތުގައި، ރާއްޖޭގެ ޖަލުތަކުގައި މަސައްކަތްކުރާ ޖަލު އޮފިސަރުންނަކީ އިލްމީ ގޮތުން ގާބިލް ބަޔަކަށްހެދުމަށްޓަކައި ފެށުމަށް މަޝްވަރާކުރެއްވި އެ ކޯސްތަކަކީ މޯލްޑީވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ފެންވަރުގެ ކޯސްތަކެއް ކަމަށެވެ.
ނަމަވެސް ރާއްޖޭގައި އެ ކޯސްތައް ފެށޭނެ ވަކި ތާރީހެއް ކަރެކްޝަނަލް ސާވިސްއަކުން ބުނެފައެއް ނުވެއެވެ.