ރާއްޖޭގައި އިންވެސްޓްކުރުމަށް، ކުރިއަށް އޮތް ތަނުގައި އިންޑިއާ އިން ގިނަ އިންވެސްޓަރުންތަކެއް އަންނާނެ ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުއްނަވާ ސަފީރު ރާޖީވް ޝަހާރޭ ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިރޭ ފެށި އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ކޮންފްލުއެންސު ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ޝަހާރޭ ވިދާޅުވީ އިންޑިއާ އަދި ރާއްޖެއަކީ މީގެ 50 އަހަރަށް ވުރެ ކުރިން ފެށިގެން ރަހުމަތްތެރިކަމުގެ ގުޅުން ދަމަހައްޓަމުން އައި ދެ ގައުމު ކަމަށެވެ.

"އިންޑިއާގެ ހުރިހާ ޕްރައިމް މިނިސްޓަރުން ވަނީ ރާއްޖެ އަށް ޒިޔާރަތްކުރައްވާފައި. އެއީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް. އަދި އައިޖީއެމްޗަކީ ރާއްޖެ އަކީ ގާތް ކައުމެއްގެ ގޮތުގައި އިންޑިއާ އިން ދެކޭ ރަމްޒެއް،" ރާޖީވް ޝަހާރޭ ވިދާޅުވި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ކޮންފްލުއެންސްގައި ރާޖީވް ޝަހާރޭ ވާހަކަފުޅުދައްކަވަނީ -- ސަންފޮޓޯ -- އަލީ ނަސީރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ އިގްތިސާދީ ބޮޑެތި މަސައްކަތްތަކަށް ތައުރީފުކުރައްވައި ޝަހާރޭ ވިދާޅުވީ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އިންޑިއާ އިން ފުރިހަމަ އެއްބާރުލުންދެއްވާނެ ކަމަށެވެ.

ޝަހާރޭ ވިދާޅުވީ އެސްއީޒެޑް ފަދަ ބިޔަ ޕްރޮޖެކްޓްތަކަކީ އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރާނެ ކަމުގެ ހެއްކެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އިންޑިއާގެ އިންވެސްޓަރުން ރާއްޖެ އަށް އިންވެސްޓްކުރަން އަންނާނެ ކަމަށެވެ.

"އިންޑިއާގެ އިންވެސްޓަރުން ކުރިއަށް އޮތްތަނުގައި ރާއްޖެ އަށް އިންވެސްޓްކުރަން އަންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަހާރޭ ވިދާޅުވި އެވެ.

އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ކޮންފްލުއެންސްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަހުމަދު އަދީބު ވަނީ ރާއްޖޭގެ އިގްތިސާދީ ކަންކަމަށް އިންޑިއާ އިން ދެއްވާ އިސްކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެ އެކަމަށް ޝުކުރުއަދާ ކުރައްވައިފަ އެވެ. އަދި އިންޑިއާގެ އިންވެސްޓަރުން ރާއްޖެ އިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

"އިންޑިއާއަކީ ވަރަށް ގިނަ ގޮންޖެހުންތަކުގައި ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް. އަދި އިގްތިސާދީ ގޮތުން ވެސް ރާއްޖެއަށް އެހީތެރިވެދޭ ގާތް ގައުމެއް. އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖެ އިން އަބަދު ވެސް މަރުހަބާ ކިޔާނަން." ނައިބު ރައީސް އަދީބު ވިދާޅުވި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ކޮންފްލުއެންސްގައި ނައިބު ރައީސް އަހުމަދު އަދީބު ވާހަކަފުޅުދައްކަވަނީ -- ސަންފޮޓޯ -- އަލީ ނަސީރު

އަދީބު ވިދާޅުވީ ރާއްޖެއަށް ދިމާވާ ބޮޑެތި ހާދިސާތަކުގައި އެހީތެރިވުމަށް އިންޑިއާ އޮއްނަނީ އަބަދުވެސް އެންމެ ކައިރީގައި ކަމަށެވެ. އެގޮތުން ރާއްޖެ އަށް ދިމާވި ފެން ކްރައިސިސް އާއި ސުނާމީ ކާރިސާގައި އިންޑިއާ އިން ވެދިން އެހީތެރިކަން އަދީބު ވަނީ ފާހަގަކުރައްވައިފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު ޝަހާރޭ ވަނީ ނައިބު ރައީސް އަދީބަށް ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ. އަދި އެ ހަފްލާފައި އިންޑިއާގެ ސަގާފީ ހަރަކާތްތަކެއް ވަނީ ދައްކާލައިފަ އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ކޮންފްލުއެންސްގެ ތެރެއިން -- ސަންފޮޓޯ -- އަލީ ނަސީރު

އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ރާއްޖޭ އަކީ ނަން ވިދާ ގައުމެއް ކަން ފާހަގަކުރައްވައި ޝަހާރޭ ވިދާޅުވީ ރާއްޖޭގެ ޕްރޮޑިއުސަރަކާއި ބޮލީވްޑްގެ ޕްރޮޑިއުސަރެއް ގުޅިގެން ފީޗާ ފިލްމެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެ ފިލްމް ބެލުންތެރިންނާ ހަމައަށް ފެނިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގެ ފަންނާނުންނަކީ ހުނަރުވެރި ތަރިންތަކެއް ކަމަށާއި ފިލްމީ ދާއިރާއަށް ވެސް އިންޑިއާ އިން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް ޝަހާރޭ ވަނީ ވިދާޅުވެފަ އެވެ.