ޓީސީ ސްޕޯޓްސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް ބައްދަލު ކުރި މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗްގެ ދެވަނަ ހާފްގައި މާޒިޔާގެ އިމާޒް އަށް ކުރި ފައުލަކާ ގުޅިގެން އެޓީމަށް ވަނީ ރެފްރީ ޕެންލްޓީއެއް ދީފައެވެ. މާޒިޔާގެ މުހައްމަދު އުމޭރު ފޮނުވާލި ޕެނަލްޓީ ޓީސީގެ ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވި އެވެ.

މާޒިޔާ ޓީސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ފޮޓޯއަކަށް ހުޓްޓިގެން --- ފޮޓޯ: އައްޑޫ ލައިވް

ދަނޑުގެ ލައިޓިންގެ ހާލަތު ހުރިގޮތުން އިތުރުވަގުތުގެ ދެހާފް ނުކުޅެ ވަނީ ޕެނަލްޓީއަށް ގޮސްފައެވެ. ޕެނަލްޓީގައި 4-2 ގެ ނަތީޖާ އަކުން މާޒިޔާ ޓީސީގެ މައްޗަށް ކުރި ހޯދައި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ފަހު ޖާގަ މިވަނީ ހޯދައިފައެވެ.

އެ މެޗްގައި މާޒިޔާގެ ގޯލްކީޕަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ޓީސީން ޖެހި ދެ ޕެނަލްޓީ މާޒިޔާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. އެއީ މެޗްގައި ޓީސީގެ ނާފިއުއާއި، ނާއިޒު ފޮނުވާލި ދެވަނަ އަދި ތިންވަނަ ޕެނަލްޓީއެވެ.

މެޗްގެ ހަތަރު ވަނަ ޕެނަލްޓީ އުމައިރު ގޯލްގެ ތެރެއަށް ފޮނުވާލައިގެން މި މުބާރާތުގެ ފައިނަލަށް ވަނީ މާޒިޔާ ގޮސްފައެވެ.

މާޒިޔާގެ އަސަދުﷲ ބޯޅަހިފައިގެން --- ފޮޓޯ: އައްޑޫ ލައިވް

މިއަދުގެ މެޗަށް މި ދެ ޓީމު ނިކުތްއިރު، މާޒިޔާ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވަނީ ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޓީސީން ސެމީއަށް ދަތުރުކުރީ، ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި އޮވެގެންނެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި މާޒިޔާ ވާދަކުރާނީ ވޭތުވެދިޔަ ތިން އަހަރުވެސް މިމުބާރާތް ކާމިޔާބު ކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއެވެ.

ނިއު މުބާރާތުގެ ފައިނަލަށް ދަތުރުކުރީ، އިއްޔެ އީގަލްސްއާ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. ނިއު އާއި މާޒިޔާ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.