27 Sep 2015, 18:18
ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ފަހަރަށް ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެއްޖެއެވެ.
ޔުނައިޓެޑް ވިކްޓަރީން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ހޯދީ 24 ޕޮއިންޓާ އެކު ޕޮލިސް ކްލަބެވެ. އެ ޓީމަށް ޖެހޭނީ މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ ޓީމާ އެކު ޕްލޭއޮފް ކުޅޭށެވެ. ފުރަތަމަ ޑިވިޝަނުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. އަދި ލީގުގެ އެންމެ ފުލަށް ދާ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ.
ދެ ވަނަ ޑިވިޝަނުގެ ފަހު މެޗުގައި އިއްޔެ ޔުނައިޓެޑް ވިކްޓަރީ ވަނީ ސްޕޯޓްސް ކްލަބް މެކާނޯ އަތުން 3-0 އިން މޮޅުވެފަ އެވެ.
ފައިނަލް މެޗަށް ފަހު ޔުނައިޓެޑް ވިކްޓަރީއަށް ތަށި ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު ހުސެއިން (އޮއިއްޓޭ) އެވެ.
ޔުނައިޓެޑް ވިކްޓަރީގެ ރައީސް މުހައްމަދު އާރިފް މޯލްޑިވްސް ސޮކާއާ ވާހަކަ ދައްކަމުން ބުނީ މި ކާމިޔާބީގެ އަސްލަކީ ޓީމްގެ ކުޅުންތެރިންގެ ބުރަ މަސައްކަތް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ދެވަނަ ޑިވިޝަންގަ ކުޅޭތާ. މި ކާމިޔާބީގެ އަސްލަކީ ޓީމުގެ ކުޅުންތެރިންނާއި، ކޯޗިންސުޓާފުންނާއި، މެނޭޖްމަންޓް ގެ ބުރަ މަސައްކަތް،" އާރިފް ބުންޏެވެ.
"އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު އަޅުގަނޑުމެން ކޯޗަށް އިންނާނެ ފުރިހަމަ އިހްތިޔާރާއި ބާރު ދީފައި. ކޯޗް ބޭނުންވާ ގޮތަށް ޓީމް ބައްޓަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކޯޗް އެ ވަނީ އަޅުގަނޑުމެންގެ އުންމީދު ފުރިހަމަ ކޮށްދީފަ." އާރިފް އިތުރަށް ބުންޏެވެ.