އައްޑޫ ސިޓީގެ ހިތަދުއާއި ހުޅުމީދޫއަށް އުދައެރިކަމަށް ބުނާ ވާހަކަ އައްޑޫ ސިޓީ ކައުންސިލުން ދޮގުކޮށްފި އެވެ.

އެހެންޏާ ފެންނަވަރަށްވުރެ ދުނިޔެއާ ކައިރިން ހަނދު ފެންނާނެތީ އެކަމާ ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބު 'ސަން' އަށް ވިދާޅުވީ ހިިތަދޫ ކުޑަކުދިންގެ ޕާކާއި ލިންކު ރޯޑާއި މަސްވެރިންގެ ޕާކާއި ދިމާލަކީ އާންމުކޮށްވެސް ލޮނުގަނޑު އަރާ ސަރަހައްދެއް ކަމަށާއި އެއީ އުދައެއް ނޫން ކަމަށެވެ.

"އެ ސަރަހައްދަކީ ގުދުރަތީގޮތުންވެސް ލޯ ލޭންޑެއް. ދިޔަވަރު ބޮޑުވާ ދުވަސްވަރަށް އާންމުކޮށްވެސް ލޮނުގަނޑު އުފުލޭނެ. ދެން މިދުވަސްވަރު އާންމުކޮށް ބޮޑުވާވަރަށްވުރެ ދިޔަވަރު ބޮޑުވީމަ ލޮނުގަނޑު އެރީ" ތޮއްޔިބު ވިދާޅުވި އެވެ.

ހުޅުމީދޫއަށް ވެސް އުދައަރާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ތޮއްޔިބު ވިދާޅުވި އެވެ. އަދި އައްޑޫ ސިޓީގެ އެއްވެސް ރަށަކަށް ރައްޔިތުން ކަންބޮޑުވާންޖެހޭ މިންވަރަށް އުދައަރާނެ ކަމަށް ލަފާނުކުރެވޭ ކަމަށް ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާނު މުހައްމަދު 'ސަން' އަށް ވިދާޅުވީ ހިތަދޫގައި މިއަދު މެންދުރު ގަޑީގައި ދިޔަވަރު ބޮޑުވި ވަގުތު ކުޑަކޮށް ލޮނު އެރިކަމަށެވެ.

އޭނާ ވިދާޅުވީ އުދައަރާފާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކޮށްފައިވާތީ އެމްއެންޑީއެފާއި ހިތަދޫގެ ރައްޔިތުންވެސް ތިބީ އެކަމައްޓަކައި ވާންޖެހޭ ތައްޔާރީތައްވެގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫގައި ލޮނު އެރީ އާންމުކޮށްވެސް ލޮނުއަރާ ސަރަހައްދަކަށް ކަމަށެވެ. އަދި ފުލުހުން އައްޑޫސިޓީ މޮނިޓާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އުދައަރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރި ރަށްރަށުގެ ތެރޭގައި އައްޑޫސިޓީގެ ހަތަރު ރަށެއް ހިމެނެ އެވެ. އެއީ ސ. މަރަދޫފޭދޫ، މަރަދޫ، ފޭދޫ، ހުޅުމީދޫ އެވެ.