ހދ. މަކުނުދޫ އަށް ބޮޑު ހިލަ ގެންދިޔަ ބާޖެއްގެ ޓަގެއް ރަށު ފަރަށް މިއަދު ހެނދުނު 10:30 އެހާކަންހާއިރު އަރައިފި އެވެ.

'ސަން'އާ ވާހަކަ ދައްކަވަމުން މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވީ އެ ޓަގު ފަރަށް އަރަން ދިމާވީ އާއްމުކޮށް ވަންނަ ދިމާލުން ނޫން އެހެން ދިމާލަަކުން ފަޅަށް ވަންނަން އުޅުމުން ކަމަށެވެ.

"އެމްޓީސީސީގެ ބޭފުޅުންނާއި މިރަށުގެ ބައެއް މީހުން ގޮސް ޓަގުގެ ކައްޕިއަށް ވެސް އަދި އެހެން ބޭފުޅަކަށް ވެސް މައުލޫމާތު ދީފަ އޮތީ އެހެންޏާވެސް ހިލަ ބާޖު ވަދެގެން އަންނަ ގޮތް އަދި ބާޖު އޮންނަތަން ވެސް ދައްކާފަ އޮތީ،" ޝާކިރު ވިދާޅުވި އެވެ.

ހދ. މަކުނުދޫ ފަރަށް ޓަގެއް އަރާފައި -- ސަން ފޮޓޯ: އަހުމަދު އުމެއިރު

ޓަގު ފުންކުރެވޭނީ ޓަގު ޖަހައިގެން ދަމާލެވޭ ވަރުގެ ބޯޓެއް ގޮސްގެން ކަމަށް ޝާކިރު ވިދާޅުވިއެވެ. އެ ރަށުގައި ޓަގު ދަމާލެވޭ ވަރުގެ ދޯންޏެއް ނެތް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.