27 Sep 2015, 14:41
ނިމިގެން މިދިޔަ 2014 ވަނަ އަހަރުގެ އެޕްރީލު މަހުގައި އަޅުގަނޑުމެންނަށް ވަނީ "ބްލަޑްމޫން"އެއް ނުވަތަ "ލޭ ހަނދެއް"ގެ ވާހަކަ އިވިފައެވެ. އެއީ މިދިޔަ އަހަރުގެ އެޕްރީލު މަހުގެ 15 ގައި ހިފި ފުރިހަމަ ހަނދު ކޭތައާ ގުޅިގެންނެވެ. ހަނދު ފެންނާން ހުރި ކުލައަށް ނިސްބަތް ކޮށެވެ. މިއީ ރާއްޖެއަށް ފެނުނު ކޭތައެއް ނޫނެވެ.
ހަނދު ކޭތައާ އެކު، ހަނދުގެ ކުލަ ރަތްކޮށް ފެންނަނީ ދުނިޔޭގެ ހިޔަނީގެ ތެރެއަށް ހަނދު ވަދެގެން ދާ އިރު، އިރުގެ ދޯދިތައް ހަނދަށް އެޅިފައި ހުންނަ ގޮތުގެ ސަބަބުންނެވެ. އެއީ އިރުއޮއްސޭއިރު އުޑުމަތީގެ ކުލަ ވެސް ރަތްކޮށް ފެންނަ ފަދައިންނެވެ.
މިދިޔަ އަހަރުގެ އެޕްރީލު މަހުގެ 15 ވަނަ ދުވަހު ހިފި ހަނދުކޭތައާއި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު ހިފި ހަނދު ކޭތައާއި، މިއަހަރުގެ އެޕްރީލު މަހުގެ ހަތަރުވަނަ ދުވަހު ހިފި ހަނދު ކޭތައިގެ އިތުރުން، މި ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ހިފާ ހަނދު ކޭތައަކީ ވެސް މިފަދަ، ފުރިހަމަ ހަނދު ކޭތައެކެވެ. އެހެންކަމުން އެ ތިން ކޭތައެކޭ އެއްފަދައިން ސެޕްޓެންބަރު 28 ވަނަ ދުވަހު ހިފާ މި ފުރިހަމަ ހަނދު ކޭތަ ވެސް ފެނިގެން ދާނީ "ލޭ ހަނދެއް"ގެ ގޮތުގައެވެ.
ސެޕްޓެންބަރު މަހުގެ 28 ވާ ހޯމަ ވިލޭރޭ ހިފާ ހަނދު ކޭތައަކީ ފުރިހަމަ ހަނދު ކޭތައެއް ނަމަވެސް މި ހަނދު ކޭތަ ރާއްޖެއަށް ފެންނާނީ ހޯމަ ދުވަހުގެ ފަތިހު ފަޅި ހިޔަނި ކޭތައެއްގެ ގޮތުގައެވެ. ރާއްޖެއަށް މި ކޭތަ ފެންނާން ފަށާނީ ހޯމަ ދުވަހުގެ ފަތިހު 5:11 ގައެވެ. ރާއްޖެއަށް މި ކޭތަ އެންމެ ބޮޑަށް ފެންނާނީ ފަތިހު 5:45 ގައެވެ. ރާއްޖެއަށް މި ކޭތަ ފެންނާނީ 5:51 ގައި ހަނދު އޮއްސޭން ދެނެވެ.
މި ކޭތަ އެންމެ ބޮޑަށް ހިފާނީ ހޯމަ ދުވަހު ހެނދުނު ކަމަށް ވެފައި، އެ ވަގުތު ރާއްޖެއަށް ހުންނާނީ ހަނދު އޮއްސިފައި ކަމުން އެ ވަގުތުގެ ކޭތަ ރާއްޖެއަކަށް ނުފެންނާނެއެވެ.
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ކެނެޑާ އާއި މެދުތެރޭ އެމެރިކާގެ ގައުމުތަކަށާއި ދެކުނު އެމެރިކާގެ ގައުމުތަކަށް ބަލާއިރު "ސުޕަރމޫން"ގެ މި ފުރިހަމަ ހަނދު ކޭތަ ހިފާ ވަގުތަކީ އެ ގައުމުތަކަށް ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑު 7:11 އެވެ. ޔޫރަޕުގެ ގައުމުތަކާ ހިސާބުން އިރަށް ހުރި ގައުމުތަކަށް ސެޕްޓެންބަރު މަހުގެ 28 ފެށުމަށް ފަހުގައެވެ.
މި ކޭތައިގެ މުޅި ދިގު މިނަކީ 5 ގަޑި އިރާއި 11 މިނެޓެވެ. ފަޅި ކޭތައިގެ ހޭދަ ވާ ވަގުތުގެ ދިގު މިނަކީ 2 ގަޑި އިރާއި 8 މިނެޓެވެ. ފުރިހަމައަށް ކޭތަ ހިފައިފައި ހުންނަ ވަގުތުގެ ދިގު މިނަކީ 1 ގަޑި އިރާއި 12 މިނެޓެވެ.
ދެން އެންމެ އަވަހަށް މިފަދަ ފުރިހަމަ ހަނދު ކޭތައެއް ހިފާނީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ގައެވެ.
ދިޔަވަރު ބޮޑުވުމާއި އުދަ އެރުން
ދުނިޔެއާ ހަނދު ކައިރި ވުމުން ދިޔަވަރު ބޮޑުވެއެވެ. މި ގޮތަށް ދިޔަވަރު ބޮޑު ވަނީ ރާޅު ބޮޑު މޫސުމެއްގައި ނަމަ އުދަ އެރުމުގެ ފުރުސަތު ވެސް ބޮޑު ވެއެވެ. އުދަ އެރުމަކީ އާދަޔާ ހިލާފަށް ބޮޑެތި ރާޅު އެރުމެވެ. ދުނިޔެއާ ހަނދު ކައިރި ވާ ވަރަކަށް ކަނޑުގެ ލޮނުގަނޑުގެ އުސްމިނާއި އޮއިވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
ހަނދާއި ދުނިޔެއާ ދެމެދު ހުންނަ އެވަރެޖު ދުރުމިނަކީ 382900 (ތިން ލައްކަ އަށްޑިހަ ދެ ހާސް ނުވަ ސަކޭތަ) ކިލޯމީޓަރެވެ. ދުނިޔެއާއި ހަނދާ ދެމެދު ހުންނަ ދުރުމިން އާންމުކޮށް ބަދަލު ވަމުން ދަނީ 357000 (ތިން ލައްކަ ފަންސާސް ހަތް ހާސް) ކިލޯމީޓަރާއި 406000 (ހަތަރު ލައްކަ ހަ ހާސް) ކިލޯމީޓަރާ ދެމެދުގައެވެ. މި ފަހަރު 356877 (ތިން ލައްކަ ފަންސާސް ހަ ހާސް އަށް ސަތޭކަ ހަތްދިހަ ހަތް) ކިލޯމީޓަރަށް ހަނދު ބިމާ ކައިރިއަށް އަންނާނެއެވެ. މިއީ ވަރަށް ބޮޑު ކައިރި ވުމެކެވެ. މި ގޮތަށް ކައިރި ވާ ވަގުތެއްގައި އަންނަ ހުޅެވި ހަނދަށާއި ފުރިހަމަ ހަނދަށް "ސުޕަމޫން"އޭ ކިޔައެވެ.
އެހެން ފަހަރު ފަހަރަށް ވުރެ ބޮޑަށް ބިމާ ކައިރިއަށް ހަނދު މި ފަހަރު އަންނާތީ ލޮނުގަނޑު އުސްވުމުގެ ފުރުސަތު ވެސް މި ފަހަރު ބޮޑެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ކަނޑުތަކުގެ ބާނިތައް ތިން ފޫޓާއި ހަ ފޫޓަށް އުފުލުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ތަޖްރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.
ހަގީގަތުގައި ކަނޑުގެ ބާނިތައް ބޮޑު ވެ ލޮނުގަނޑު އުސް ވަނީ ކޭތައިގެ ސަބަބުންނެއް ނޫނެވެ. މީގެ ސަބަބަކީ ދުނިޔެއާ ހަނދު ކައިރި ވުމެވެ. މި ފަހަރު މި ގޮތަށް ދުނިޔެއާ ހަނދު ކައިރި ވާ ފަހަރަކީ ހަނދު ކޭތައެއް ވެސް ހިފާ އިރަކަށް ވާތީ ހަނދު ކޭތައާ ގުޅުވައިގެން އުދައިގެ ވާހަކަ ދެކެވެނީއެވެ.
ފޮއިމަތީގައި ނުވަތަ ހަނދު މަހުގެ 13، 14، 15 އާއި 27، 28، 29 މި ދުވަސްތަކާއި ރޭތަކުގައި ދިޔަވަރު ބޮޑު ވުމަކީ އާދައިގެ މަތީން ހިނގާ ކަމެކެވެ. މިއީ ހަނދުގެ ދަމާ ބާރުގެ ސަބަބުން އަންނަ ހާލަތެކެވެ. ހަނދު މަހުގެ މެދުތެރޭގައާއި ހަނދުމަހުގެ ފަހުކޮޅުގައި މި ގޮތަށް ދިޔަވަރު ބޮޑުވަނީ ހަނދާއި އިރު ބިމުގެ އެއް ފަޅިއަކަށް ނުވަތަ ބިމުގެ ދިމާ ދެ ފަޅިއަށް އައިސް ސީދާ ވުމުގެ ސަބަބުން ދަމާ ބާރު ގުނަވެގެން ދާތީއެވެ.
އާންމު ފޮއިމަތީގައި ދިޔަވަރަށް އަންނަ ބަދަލަށް "ސުޕަރމޫން" އެއްގެ ސަބަބުން ތަފާތެއް އަންނަ ނަމަވެސް މި ތަފާތަކީ މާ ބޮޑު ގުދުރަތީ ކާރިސާތަކެއް ކުރިމަތި ކުރުވައިފާނެ ތަފާތެއް ނޫން ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންނަމަވެސް ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާހެން ސަލާމަތީ ފިޔަވަޅުތަކާ މެދު ސަމާލުވެގެން ތިބުން އަބަދުވެސް ބުއްދިވެރިއެވެ.
ފުރިހަމަ ހަނދުތަކުގެ ނަންތައް
ބިމާ ކައިރި ވުމުގެ ސަބަބުން މިފަހަރުގެ "ހަރވެސްޓްމޫން" (ސެޕްޓެންބަރު މަހުގެ ފުރިހަމަ ހަނދު) ފެންނާނީ އާންމު މަސްތަކުގެ ފުރިހަމަ ހަނދަށް ވުރެ %7 ބޮޑު ކޮށެވެ. "މައިކްރޯމޫން"އާ އަޅައިބަލާއިރު %14 ބޮޑު ކޮށެވެ. "މައިކްރޯފުލްމޫން" އަކަށް ވުރެ "ސުޕަރފުލްމޫން" އެއްގެ ހަނދުގެ އަލި %30 އިތުރު ވާނެއެވެ. އަދި އާންމު ފުރިހަމަ ހަނދަކަށް ވުރެ އަލިކަން %16 އިތުރު ވާނެއެވެ. މި އަންނަނީ "ސުޕަރމޫން" އެއްގެ ގޮތުގައެވެ. އަދި ފުރިހަމަ ހަނދު ކޭތައެއް ހިފާތީ "ބްލަޑްމޫން"އެއްގެ ގޮތުގައި ވެސްމެއެވެ.
ދުނިޔޭގެ ވަރަށް ގިނަ ސަގާފަތްތަކުގައި ފުރިހަމަ ހަނދުތަކަށް ނަން ދީފައި ހުރެއެވެ. މި ގޮތުން ކޮންމެ އަހަރެއްގައި ވެސް އަންނަ ފުރިހަމަ 12 ހަނދަށް މި ގޮތުން ނަން ހާއްސަ ކުރެވިފައި ވެއެވެ. އެމެރިކާގެ އަސްލު ރަށްވެހީންގެ ސަގާފަތުގައި ކިޔާ މިފަދަ ނަންތަކަށް ބަލާއިރު، ޖަނަވަރީ މަހުގެ ތެރޭގައި އަންނަ ފުރިހަމަ ހަނދަށް ކިޔަނީ "ވޮލްފްމޫން"އެވެ. މިއަހަރުގެ "ވޮލްފްމޫން" އައީ ޖަނަވަރީ މަހުގެ 5 ގައެވެ. ފެބުރުވަރީ މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ސްނޯވްމޫން"އެވެ. މިއަހަރުގެ "ސްނޯވްމޫން" އައީ ފެބުރުވަރީ މަހުގެ 3 ގައެވެ. މާރިޗު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ވޯރމްމޫން"އެވެ. މިއަހަރުގެ "ވޯރމްމޫން" އައީ މާރިޗު މަހުގެ 5 ގައެވެ. އެޕްރީލު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ޕިންކްމޫން"އެވެ. މިއަހަރުގެ "ޕިންކްމޫން" އައީ އެޕްރީލް މަހުގެ 4 ގައެވެ. މެއި މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ފްލާވަރމޫން"އެވެ. މިއަހަރުގެ "ފްލާވަރމޫން" އައީ މެއި މަހުގެ 4 ގައެވެ. ޖޫން މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ސްޓްރޯބެރީމޫން"އެވެ. މިއަހަރުގެ "ސްޓްރޯބެރީމޫން" އައީ ޖޫން މަހުގެ 2 ގައެވެ.
ޖުލައި މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ބަކްމޫން"އެވެ. މިއަހަރުގެ "ބަކްމޫން" އައީ ޖުލައި މަހުގެ 2 ގައެވެ. ހަނދުގެ ބުރެއްގައި ހިމެނެނީ 29 ދުވަހާއި ގަޑިތަކެއް ކަމުން ފުރިހަމަ ހަނދު އަންނަނީ އިރު މަހުގެ ނިސްބަތުގައި ބަލާއިރު އެއް ދުވަހަކު ނޫނެވެ. އިރު މަހުގެ ތެރެއިން ކޮންމެވެސް މަހެއްގައި ދެ ފަހަރު ފުރިހަމަ ހަނދު އަންނަ ގޮތް ދިމާ ވަނީ މި ސަބަބާ ހުރެއެވެ. މި ގޮތުން އިރު މަހެއްގެ ތެރޭގައި ދެފަހަރަށް ފުރިހަމަ ހަނދު އައުމުން އޭގެ ތެރެއިން ދެވަނަ ހަނދަށް ކިޔަނީ "ބްލޫމޫން"އެވެ. މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި މި ގޮތަށް ދެފަހަރަށް ފުރިހަމަ ހަނދު އައެވެ. އެހެންކަމުން މިއަހަރު "ބްލޫމޫން"އެއް އައިސްފައި ވަނީ ޖުލައި މަހުގައެވެ. އެއީ ޖުލައި މަހުގެ 31 ގައެވެ. އޯގަސްޓު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ސްޓަރޖަންމޫން"އެވެ. މިއަހަރުގެ "ސްޓަރޖަންމޫން" އައީ އޯގަސްޓް މަހުގެ 29 ގައެވެ.
ސެޕްޓެންބަރު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ހަރވެސްޓްމޫން"އެވެ. މިއަހަރުގެ "ހަރވެސްޓްމޫން" އަންނާނީ ސެޕްޓެންބަރު މަހުގެ 28 ގައެވެ. މިއަހަރުގެ "ހަރވެސްޓްމޫން" ވެގެން ދާނީ "ސުޕަރމޫން"އަކަށެވެ. އޮކްޓޯބަރު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ހަންޓަރސްމޫން"އެވެ. މިއަހަރުގެ "ހަންޓަރސްމޫން" އަންނާނީ އޮކްޓޯބަރު މަހުގެ 27 ގައެވެ. "ހަންޓަރސްމޫން"އަށް "ބްލަޑްމޫން"އޭ ވެސް ކިޔައެވެ. އެހެންނަމަވެސް ފުރިހަމަ ހަނދުކޭތައާ ގުޅިގެން ކިޔޭ "ބްލަޑްމޫން" އާއި "ހަންޓަރސްމޫން"އަށް ނިސްބަތްކޮށް ކިޔޭ "ބްލަޑްމޫން"އާ ތަފާތެވެ. ނޮވެންބަރު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ބީވަރމޫން"އެވެ. މިއަހަރުގެ "ބީވަރމޫން" އަންނާނީ ނޮވެންބަރު މަހުގެ 25 ގައެވެ. ޑިސެންބަރު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ކޯލްޑްމޫން"އެވެ. މިއަހަރުގެ "ކޯލްޑްމޫން" އަންނާނީ ޑިސެންބަރު މަހުގެ 25 ގައެވެ.