27 Sep 2015, 13:47
އާގަރާ: ދުނިޔޭގެ ފަތުރުވެރީންގެ ދުވަސް (27 ސެޕްޓެމްބަރު) އާ ގުޅުވައިގެން، އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭއެސްއައި) އިން ތާޖް މަހަލް ހިލޭ ބަލައިލުމުގެ ފުރުސަތު 30،000 ފަތުރުވެރީންނަށް ހުޅުވާލައިފި އެވެ.
އާގަރާ އެޑްމިނިސްޓްރޭޝަނުން ބުނީ، ދުނިޔޭގެ އެންމެ ބޮޑެތި އަޖާއިބު ތަކުގެ ތެރޭގައި ހިމެނޭ ތާޖު މަހަލް ބަލައިލުމަށް މިއަދު 30،000 އަށްވުރެ ގިނަ ފަތުރުވެރީން ޒިޔާރާތްކުރާނޭ ކަމަށް ލަފާކުރެވޭ އިރު، އެފަރާތްތަކަށް ހުޅުވާލާފައި ވަނީ ހަމައެކަނި ތާޖްމަހަލަށް ހިލޭ ވަނުމުގެ ފުރުސަތު ނޫން ކަމަށާއި، އޭގެ އިތުރުން އެތަނުގެ ތެރޭގައި ހުރި ތަފާތު މޮނިއުމަންޓްތައް ބަލައިލުމުގެ ފުރުސަތުވެސް ހިލޭ ލިބޭނޭ ކަމަށެވެ.
ތާޖް މަހަލަށް ޒިޔާރަތްކުރާ ބޭރުގެ ފަރާތްތަކުން އެތަނަށް ވަނުމުގެ ފީއެއްގެ ގޮތުގައި ބޮލަކަށް 750 ރުޕީސް ދަންކަން ޖެހޭއިރު އިންޑިއާ މީހުން އަތުން ބޮލަކަށް 20 ރުޕީސް ނަގައެވެ. އެހެންކަމުން މިއަދު އެތަނަށް ބޭރުގެ 4000 ފަތުރުވެރީން ޒިޔާތް ކުރާނޭ ކަމަށް ލަފާކުރެވޭ އިރު އެއީ 30 ލައްކަ ރުޕީސް އެވެ. އަދި އިންޑިއާގެ 26،000 ފަތުރުވެރީންޒިޔާރަތްކުރާނޭ ކަމަށް ލަފާ ކުރެވޭއިރު އެއީ ގާތްގަނޑަކަށް 5.2 ލައްކަ ރުޕީސް އެވެ.
މުޅިން ހިލޭ ތާޖް މަހަލް ބަލައިލުމުގެ ފުރުސަތު 30،000 ފަތުރުވެރީންނަށް ހުޅުވާލާފައި ވާއިރު، މިއަހަރުގެ ފަތުރުވެރީންގެ ދުވަހުގެ ޝިއާރުކަމަށްވާ "އެއް ބިލިއަން ފަތުރުވެރީން - އެއްބިލިއަން ފުރުސަތު" ގެ ދަށުން އާގަރާގެ ހޮޓާތަކާއި ރެސްޓޯރަންޓްސް އަދި އެމްޕޯރިއަމްތަކުން ވަނީ، ފަތުރުވެރީންނަށް 25 އިންސަތަ ޑިސްކައުންޓެއް ހުޅުވާލައިފައެވެ.
"މިއީ ތާޖް މަހަލަށް ވަނުމުގެ ފުރުސަތު ހިލޭ ހުޅުވާލި ފުރަތަމަ މަހަރު. ތާޖް އާއި އަދިވެސް އާގަރާގައި ވާ އެހެނިހެން ތާރީޚީ ބިނާތަކަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށް މަރުހަބާ ކިޔުމަށް އަޅުގަނޑުމެން ވާނީ ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސާފައި،" އޭއެސްއައިގެ ސުޕްރިންޓެންޑިން އާކިއޮލޮޖިސްޓް ބަވަން ވިކްރަމާ ވިދާޅުވިއެވެ.
އާގަރާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދެކޭ ގޮތުގައި މިއަދަކީ އެތަނަށް ވަރަށް ތާރީޚީ ދުވަހަކަށް ވެގެންދާނެއެވެ.
އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ވެސް ވަނީ، އާގަރާއަށް މިއަދު ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ މެހެމާންދާރީއެއް އަދާކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ރާވައިފައެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުންނާއި ޓޫރިޒަމް އެސޯސިއޭޝަންތަކުގެ މެންބަރުން ހިމެނޭގޮތަށް ފޮނި ކާތަކެއްޗާއި މަފަތި ހިފައިގެން އާގަރާއަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށް މަރުހަބާ ކިޔުމަށް ކާންޓް ރެއިލްވޭސް ސްޓޭޝަންގައި ތިބޭނެ،" އުއްތަރު ޕްރަދޭޝްގެ ޓޫރިޒަމް އޮފިޝަލަކު ވިދާޅުވި އެވެ.
އިންޑިއާގައި ވާ އެންމެ މަޝްހޫރު ބިނާ ކަމަށްވާ ތާޖް މަހަލް އަކީ އާގަރާ ގައި 1631 ވަނަ އަހަރާއި 1654 ވަނަ އަހަރާ ދެމެދު ކުރެވުނު ހަދާނީ ބިނާއެކެވެ. ވިހި ހާހަށް ވުރެ ގިނަ މީހުން މަސައްކަތު މީހުން ވެގެން ބިނާކުރި މި ހާއްސަ ބިނާއަކީ މުޣަލް ރަސްގެފާނު ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަޙަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.
ތާޖް މަހަލް އަކީމުގަލް އާކިޓެކްޓަރދައްކައިދޭ ވަރަށް ރީތި މިސާލެކެވެ. ތާޖު މަހަލްގެ ޢިމާރާތުން ފާރިސީ، ތުރުކީ، ހިންދީ، އަދި އިސްލާމީ ދައުލަތް ތަކުގެ ޢިމާރާތްތައް ކުރުމުގައި ގެންގުޅެފައިވާ ފަންނުތައް ވަރަށް ފުރިހަމައަށް ފެންނާނެ އެވެ.