އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗުން މޮޅުވެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަތުން ޓޮޓެންހަމް ހޮޓްސްޕާސް 4-1 އިން މޮޅުވި އިރު އަމިއްލަ ދަނޑުގައި ސަންޑަލޭންޑު އަތުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ލީގު ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ ސިޓީންނެވެ. އެ ޓީމަށް 25 ވަނަ މިނެޓުގައި ލަނޑު ޖަހައިދިނީ ކެވިން ޑި ބްރޭނާ އެވެ. ޓޮޓެންހަމް އަށް އެއްވަރުކޮށްދިނީ 45 ވަނަ މިނެޓުގައި އެރިކް ޑިއާ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ޓޯނީ އެލްޑާވެއިރެލްޑެވެ.

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން 61 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިން އިރު ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ 79 ވަނަ މިނެޓުގައި އެރިކް ލަމޭލާ އެވެ.

މި ނަތީޖާއާއި އެކު ސިޓީ އޮތީ ކުޅުނު ހަތް މެޗުން 15 ޕޮއިންޓް ލިބިގެން ތާވަލުގެ ދެވަނައިގައެވެ.

މެންޗަސްޓާ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެއި އެޓީމު ވަނީ ސަންޑަލެންޑް 3-0 އިން ބަލި ކޮށްފައެވެ. މެޗްގެ 45 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެމްފިސް ޑިޕާއީ އެވެ. ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ކެޕްޓަން ވޭން ރޫނީ ދެ ވަނަ ލަނޑު ޖެހިއިރު ތިން ވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭ ޖެހީ ހުއާން މަޓާ އެވެ.

މެންޗެސްޓާ ޔުނައިޓެޑާ ސަންޑަލެންޑް ބައްދަލު ކުރި މެޗްގައި ރޫނީ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ: އޭޕީ

އިނގިރޭސި ލީގުގައި އާސެނަލް ވަނީ ރޭ އެލެކްސިސް ސަންޗޭޒްގެ ހެޓްރިކާ އެކު ލެސްޓާ ސިޓީ އަތުން 5-2 އިން މޮޅުވެފަ އެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ޖެމީ ވާޑީ ލީޑު ނެގި ނަމަވެސް އާސެނަލުން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިފަ އެވެ. ތިއޯ ވޮލްކޮޓް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައިވަނިކޮށް އަނެއް ތިން ލަނޑު ޖެހީ ސަންޗޭޒް އެވެ. އޭގެ ފަހުން ވާޑީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލެސްޓާގެ ދެ ވަނަ ލަނޑު ޖެހިއިރު އާސެނަލްގެ ފަސް ވަނަ ލަނޑު ފަހު ވަގުތު ޖެހީ އޮލިވާ ޖިރޫ އެވެ.

މި މޮޅާއި އެކު ތާވަލުގެ ހަތަރު ވަނައިގައި 13 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ އާސެނަލްއެވެ. ތިންވަނަ ލިބެނީ ވެސްޓްހަމް ޔުނެއިޓެޑަށްށެވެ.

ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 3-2 އިން މޮޅުވެފަ އެވެ. ރޭގެ މެޗުގައި ލިވަޕޫލުގެ ފޯވާޑް ޑެނިއަލް ސްޓަރިޖް ދެ ލަނޑު ޖެހި އެވެ. ލިވަޕޫލުގެ ޖޭމްސް މިލްނާ އާއި ސްޓަރިޖް ލަނޑު ޖަހާފައިވަނިކޮށް ވިލާއަށް ތަފާތު ކުޑަކޮށްދިނީ ރުޑީ ގެސްޓެޑޭ އެވެ. އޭގެ ފަހުން ސްޓަރިޖް ލިވަޕޫލުގެ ތިން ވަނަ ލަނޑު ޖެހިއިރު ވިލާގެ ދެ ވަނަ ލަނޑު ޖެހީ ވެސް ގެސްޓެޑޭ އެވެ.

މި މޮޅާ އެކު ލިވަޕޫލް ވަނީ ހަތް ވަނައަށް އަރައިފައެވެ. އެ ޓީމަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ބާރަ ޕޮއިންޓާ އެކު އޮތް ލެސްޓާ ހަ ވަނަ އަށް ވަނީ ވެއްޓިފައެވެ.