27 Sep 2015, 13:58
އިނގިރޭސިވިލާތުގެ އެންމެ ބޮޑު މިސްކިތުގައި އިއްޔެ އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.
ދެކުނު ލަންޑަނުގައި ހުންނަ ބައިތުލް ފުތޫހު މިސްކިތުގައި އަލިފާންރޯވުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އެހެންނަމަވެސް ދުމުގެ އަސަރު ކޮށްގެން އެކަކު ހޮސްޕިޓަލަށް ގެންދިޔަކަމަށް ބީބީސީން ބުންޏެވެ.
އަލިފާންރޯވުމުގެ ސަބަބުން މިސްކިތުގެ އެންމެ ތިރީބުރީގެ ގާތްގަނޑަކަށް 50 ޕަސެންޓް އަނދާފައިވާ ކަމަށް ބީބީސީން ބުންޏެވެ. އަދި ދެވަނަ ބުރިއަށް ވެސް ކޮންމެވެސް ވަނީ ގެއްލުންވެފައެވެ.
އަލިފާން ނިންވާލުމުގެ މަސައްކަތް 70 ސިފައިން ބައިވެރިވިއެވެ.
އެއް ފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ އެ މިސްކިތަކީ 15 މިލިއަން ޕައުންޑްގެ އަގުހުރި މިސްކިތެކެވެ.