ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީވާން ޗައިނާއިން ދެ ބިލިއަން ޑޮަލަރުގެ ފަންޑެއް އެކުލަވާލާފައިވާ ކަަމަށް ޗައިނާގެ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެ އެވެ.

އދ. ގައި ވާހަކަފުޅުދައްކަވަމުން ޝީ ޖިންޕިން ވިދާޅުވީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތައް މައާފްކޮށްދޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް 15 އަހަރުތެރޭގައި 12 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަަށް ވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ފަސް އަހަރުތެރޭ ބޭރު ގައުމުތަކުގައި 600 ޕްރޮޖެކްޓް ހިންގަން ނިންމާފައިވާ ކަމަށް ޝީ ޖިންޕިން ވިދާޅުވިއެވެ.

" ދުނިޔޭގެ ކަންކޮޅުތަކަށް ބަލާއިރު ސަލާމަތްތެރިކަމާއި ތަރައްގީ އަކީ އަދުގެ އެންމެ މުހިއްމު ތީމް،" ނިއު ޔޯކްގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝީ ޖިންޕިން ވިދާޅުވިއެވެ.

ދުނިޔެއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުގެ އަސާސީ ހައްލަކީ ސުލްހަވެރިކަމާއި ތަރައްގީ ކަމަށް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

އދ. އިން އަމާޒު ކަނޑައަޅާފައި ވަނީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ހައިހޫނުކަމާއި ފަގީރުކަން ނަންތާލުމަށެވެ. އަދި ޗައިނާއިން ދުނިޔޭގެ ގައުމުތަކަށް ވަމުންދާ އެހީ އާއި އެކި ގައުމުތަކުގައި ކުރަމުންދާ އިންވެސްޓްމެންޓްތަކުގެ ސަބަބުން ފަގީރުކަން ނަންތާލަން ފަސޭހަވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.