ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑަށް ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލި މަލާގާއާއި ދެކޮޅަށް ކުޅުނު މެޗް އެއްވަރު ވެއްޖެއެވެ.

އެ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައަށް އަރަން ރެއާލް މެޑްރިޑަށް ފުރުސަތު އޮތް ނަމަވެސް މެޗުގައި އެޓީމުން އުފެއްދި ހުރިހާ ހަމަލާއެއް ވެސް ވަނީ ނާކާމިޔާބު ވެފެއެވެ.

މިހާރު ތާވަލުގެ އެއްވަނައިގައި އޮތީ ރޭ އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދައިގެން 16 ޕޮއިންޓާއި އެކު ވިލެރިއާލް އެވެ. ބާސެލޯނާ ރޭ ލަސް ޕާލްމަސް ގެ މައްޗަށް ކުރިހޯދައިގެން އެ ޓީމް އޮތީ ތާވަލުގެ ދެވަނައިގައި 15 ޕޮއިންޓާއި އެކުއެވެ. އަދި ތިން ވަނައިގައި ރެއާލް މެޑްރިޑް އޮތީ 14 ޕޮއިންޓާއިއެކު އެވެ. މި އަދަދަށް ޕޮއިންޓް ލިބިގެން ލަނޑުގެ ތަފާތުން ތާވަލުގެ ހަތަރުވަނައިގައި އޮތީ ސެލްޓާ ވިގޯއެވެ. އަދި ފަސް ވަނައިގައި 12 ޕޮއިންޓާއި އެކު އޮތީ އެތްލެޓިކޯ މެޑްރިޑް އެވެ.

ރެއާލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ތިން ގޯލް ކާމިޔާބު ކޮށްގެން އެޓީމްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާށް ވުމުގެ ފުރުސަތު އޮތް އިރު އެ މެޗްގައި ރޮނާލްޑޯ ފޮނުވާލި 14 ހަމަލާގެ ތެރެއިން ގޯލަށް އަމާޒުވެފައި ވަނީ އެންމެ ދެ ހަމަލާއެވެ. އެމެޗްގައި މަލާގާގެ ގޯލް ކީޕަރު ކާލޯސް ކަމިއިނީ ގެ ފަރާތުން މުހިންމު ސޭވް ތަކެއްވަނީ ފެނިގެން ގޮސްފައެވެ.

އެ މެޗްގެ 77 ވަނަ މިނެޓްގައި ރެއާލްގެ މާސެލޯއަށް ކުރި ފައުލަކާއި ގުޅިގެން މަލާގާގެ އަމްރަބަތު އަށް ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.