27 Sep 2015, 10:38
ރިޔާޒް (ސެޕްޓެމްބަރު 27): މިދިޔަ ބުރާސްފަތި ދުވަހު މިނާގައި ފިތިބާރުވެގެން މަރުވި ހައްޖުވެރިންގެ އަދަދު 769 އަށް އަރައިފިއެވެ.
ސައޫދީ ސިއްހަތާބެހޭ ވަޒީރު ޚާލިދުލްފާތިޙް ވިދާޅުވީ، މިނާގައި މަރުވި ހައްޖުވެރިންގެ އަދަދު 769 އަށް އަރައިފި ކަމަށާއި ޒަޚަމްވި މީހުންގެއަދަދުވެސް 934 އަށް އަރާފައިވާ ކަމުގައެވެ.
މީގެކުރިން ސައޫދީ ސަރުކާރުން ކަށަވަރުކޮށްދިން ގޮތުގައި މަރުވެފައިވަނީ 717 މީހުންނެވެ. އަދި ޒަޚަމްވެފައިވަނީ 863 މީހުންނެވެ. މަރުވި މީހުންގެ އަދަދު ގިނަވެފައިވަނީ ޒަޚަމްވި މީހުންގެ ތެރެއިން އިތުރު ބަޔަކު މަރުވުމާ ގުޅިގެންނެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު މައްޗަށް ގޮސްފައިވަނީ ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު ކުރިން ނޭނގުމުންކަމަށްވެސް ސައޫދީ ސިއްޙަތާބެހޭ ވަޒީރު ޚާލިދުލްފާތިޙް ވިދާޅުވިއެވެ.
ފާތިޙް ވަނީ މިޙާދިސާގެ ޒިންމާ އުފުލަންޖެހޭނީ ހައްޖުވެރިން އަމަލު ކުރަންޖެހޭ ގޮތްތަކަށް އަމަލުނުކުރި މީހުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިނާގައި ހިނގި ހާދިސާއާ ގުޅިގެން އީރާނުންވަނީ ސައޫދީ ސަރުކާރަށް ފާޑުކިޔާފައެވެ. އަދި އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަމުން އީރާނުގެ ރައީސް ހަސަން ރޫޙާނީ ވަނީ މިޙާިދސާ ތަހްގީގް ކުރުމަށް ސައޫދީ ސަރުކާރަށް ގޮވާލައްވާފައެވެ. އަދި އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވަނީ ހައްޖުވެރިންގެ ކަންތައްތައް ބެލެހެއްޓުމުގައި ސައޫދީ ސަރުކާރުގެ އިހްމާލު ވަރަށްބޮޑުކަން އެއްފަހަރަށްވުރެ ގިނަފަހަރު ފެނިފައިވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
މިނާގެ ޙާދިސާގައި އީރާނުގެ 40 އަށްވުރެ ގިނަ ޙާޖީން މަރުވިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިނާގެ ޙާދިސާ ހިނގީ ޖަމްރާތަކަށް ހިލަ އުކުމަށް ދާންއޮތް މަގުތަކުގެ ތެރެއިން މަގެއް ވަގުތީގޮތުން ބަންދުކުރުމާއެކު ހައްޖުވެރިންނަށް ވާނުވާނޭނގި އެރި އޮޅުމަކުން ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
ސައޫދީ ސަރުކާރުންވަނީ އެގައުމުގެ އިހްމާލެއް މިކަމުގައި ވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. (އަލްޖަޒީރާ)