ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްއާރުއައި ސްކޭނެއް ހަދަން މާލެ ގެނައުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފި އެވެ. އެމްޑީޕީގެ ވައިސް ޗެއާޕާސަން އަލީ ނިޔާޒް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ނަޝީދުގެ އޮފީހުން ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އޮގަސްޓް މަހު 19 ވަނަ ދުވަހު ނަޝީދު ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ލަފާ އަރުވާފައި ވަނީ ދެ ހަފުތާގެ ފަހުން އެމްއާރުއައި ސްކޭނެއް ހެދުމަށް ކަމަށެވެ. އެހެންނަމަވެސް ސްކޭން ހެދުން ލަސްވާތީ އެމްއާރުއައި ސްކޭނެއް ހެދުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަރިހުގައި ރައީސް ނަޝީދުގެ ގާނީނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވަނީ މިމަހުގެ ދެވަނަ ދުވަހު އެދިވަޑައިގެންފައެވެ.

ޓެރަރިޒަމުގެ ކުށް ސާބިތުވެ ތޭރަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ރައީސް ނަޝީދު އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގައެވެ.