ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ، ލަސް ޕާލްމަސް އަތުން 1-2 އިން މޮޅުވި މެޗްގައި ބާސާގެ ތަރި ލިއޮނަލް މެސީ އަށް އަނިޔާވެ 7 ހަފްތާއާއި 8 ހަފްތާގެ މުއްދަތަކަށް ކުޅުމާއި ދުރަށް ދާންޖެހިއްޖެ އެވެ.

މެޗް ފެށިގެން ތިން ވަނަ މިނެޓް ތެރޭގައި މެސީގެ ވާތު ކަކުލުގެ ލިގަމެންޓް އިރައިގެން ގޮސް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ވަގުތުން ދަނޑުން ބާލައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

މި އަނިޔާއާ ގުޅިގެން މެސީއަށް 8 ވަރަކަށް މެޗް ގެއްލޭނެއެވެ. އެއީ ލީގުގައި ބާސާ ކުޅެން ޖެހޭ ފަސް މެޗަކާއި ޗެމްޕިއަންސް ލީގުގައި އެޓީމް ކުޅެން ޖެހޭ ތިން މެޗެވެ. އެހެންނަމަވެސް ލީގްގައި ވާދަވެރި ރެއާލް މެޑްރިޑާއި ދެކޮޅަށް ނޮވެމްބަރު 22 ގައި ކުޅެންޖެހޭ މެޗަށް މެސީ ފިޓްވާނެ ކަމަށް ގަބޫލުކުރެވެއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗް ލުއިސް އެންރިކޭ ބުނީ، މެސީ ނެތް ކަމުގައި ވިޔަސް ބާސާގެ ކުޅުމަކަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

"އަހަރެން އަބަދުވެސް ދެރަވޭ އަހަރެންގެ ކުޅުންތެރެއަކަށް އަނިޔާވެއްޖިއްޔާ، އަދި މެސީއަށް އަނިޔާވުމުން މާ ބޮޑަށް ކަންބޮޑުވޭ،" އެންރިކޭ ބުންޏެވެ.

މި މެޗްގައި ބާސާގެ ދެ ގޯލް ވެސް ކާމިޔާބު ކޮށްދިނީ އުރުގުއޭ ގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. ލަސް ޕާލްމަސްއަށް ސުން ކަނޑުވާލަ ދިނީ ޖޮނަތަން ވިއެރާ އެވެ.

މި މެޗްގައި ބާސާއަށް ލިބުނު ޕެނަލްޓީއެއް ވަނީ ނޭމާ ބޭކާރުކޮށްލާފައެވެ. ނޭމާ ފޮނުވާލި އެ ޕެނެލްޓީ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ބާސާއަށް މި ލިބުނު މޮޅާއި އެކު އެ ޓީމް އޮތީ ތާވަލުގެ ދެވަނައިގައި 15 ޕޮއިންޓާއި އެކުއެވެ. އެއްވަނައިގައި އޮތީ ރޭ އެތުލެޓިކޯ މެޑްރިޑް ގެ މައްޗަށް ކުރި ހޯދައިގެން 16 ޕޮއިންޓާއި އެކު ވިލެރިއާލް އެވެ. އަދި ތިން ވަނައިގައި އޮތީ ރޭ މަލާގާއާއި ކުޅެ އެއްވަރު ވި ރެއާލް މެޑްރިޑް އެވެ. އެ ޓީމަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.