އައްޑޫން މާލެއަށް ދަތުރުކުރަމުން އައި 'ސްޕީޑް' ނަމަކަށް ކިޔާ ބޯޓް ގއ. އަދަހަމާގަލާ ކިޔާ ފަރަށް އަރައިފި އެވެ.

ރޭ ފަތިހު ފަރަށް އެރި އެ ބޯޓްގައި ތިބި މީހުން ގއ. ވިލިގިލީގައި ތިބި ފުލުހުން ވަނީ ގއ. ކޮނޑޭއަށް ގެންގޮސްފައެވެ.

އެ ވަގުތު ބޯޓްގައި ތިބީ އަންހެނަކާ ދެ ކުދިންގެ އިތުރުން ދެ ބިދޭސީންނާއި ދެ ދިވެހިން ކަމަށް ފުލުހުން ބުނެއެވެ. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ސްޕީޑް ބޯޓްގައި ތިބި މީހުން ކޮނޑޭއަށް ބާލަނީ. އެއްމެންގެ ހާލުވެސް ރަނގަޅު -- ފޮޓޯ: ޕޮލިސް

ބޯޓް ފަރަށް އެރިކަމުގެ މައުލޫމާތު ގއ. ވިލިގިލީ ޕޮލިސް ސްޓޭޝަނަށް ލިބުމާއި އެކު ފުލުހުން އެ ސަރަހައްދަށް ދިޔަ ކަަމަށް ފުލުހުންބުންޏެވެ. އަދި އެ ބޯޓްގައި ތިބި މީހުން ސަލާމަތްކުުރުމުގައި ގއ. ގައި އޮންނަ ރިސޯޓެއްކަމަށްވާ ޕާކް ހަޔަތު ހަޑަހާ މޯލްޑިވްސް ރިޒޯޓްގެ މުވައްޒަފުން ވެސް ހަރަކާތްތެރިވިކަމަށް ފުލުހުން ބުންޏެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ބޯޓުގެ ފަޅުވެރިންނާ އެހެނިހެން ފަރާތްތަކާއެކު ފުލުހުން ދަނީ ކުރަމުންނެވެ.