20 Apr 2010, 10:09
ޕާޓީ ބަދަލުކުރާ ނުވަތަ ޕާޓީން ކެނޑޭ މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސިޔާސީ ޕާޓީގެ ބިލްގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިޔާސީ ޕާޓީތަކުގެ ބިލުގެ ބަހުސްގައި، ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ހައިސިއްޔަތު ބަދަލުކުރައްވާ މެންބަރުންނާ މެދު އަޅާނެ ފިޔަވަޅުތަކެއް މި ބިލުގައި ހިމަނަން ޖެހޭނެ ކަމަށެވެ. ބިލަށް ގިނަ އިސްލާހްތަކެއް ގެންނަންޖެހޭ ކަމަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުންނާއި ޕާޓީތަކަށް ނިސްބަތްނުވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވާއިރު އެ މެންބަރުން މަޖިލީހަށް ހޮވަނީ އެ މެންބަރަކު ކުރިމަތިލެއްވި ގޮތަށް ބަލައިގަނެ، އެކަމަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވޯޓު ދީގެން ކަމަށެވެ. އެހެން ކަމުން ޕާޓީން ވަކިވެ ނުވަތަ ޕާޓީއަކަށް ވަދެ އެ މެންބަރަކު މަޖިލީހަށް ހޮވިވަޑައިގެންފައިވާ ހައިސިއްޔަތު ބަދަލުވެގެންދާއިރު އެ މެންބަރަކަށް ނިސްބަތްވާ ގޮނޑީގެ އިންތިހާބު އަލުން ބާއްވަން ޖެހޭގޮތަށް ބިލުގައި ހިމަނަންޖެހޭ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީ ޕާޓީތައް ރާއްޖޭގައި އޮތުމަކީ އެންމެ ރަނގަޅުކަމެއްތޯ މި ބިލަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން މިއަދުގެ ޖަލްސާގައި ވެސް ސުވާލު އުފެއްދެވި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު ވިދާޅުވީ، ޕާޓީތައް އުފެދުމުގެ ސަބަބުން ރާއްޖޭގައި ޒަމާނުއްސުރެ އޮތް އެކުވެރިކަން ނެތިގެންގޮސްފައިވާ ކަމަށެވެ. ސަބަބަކީ ގައުމީ މަސްލަހަތަށްވުރެ ޕާޓީތަކުގެ މަސްލަހަތު އިސްކޮށް، ހުދުމުހުތާރުކަން ހިޔާރުކުރުން ކަމަށާއި، ދައުލަތުގެ ބަޖެޓުން އެތައް މިލިޔަން ރުފިޔާއެއް ޕާޓީތަކަށް ދޭއިރު ވެސް ރައްޔިތުންގެ ހެވާއި ލާބައަށް ޕާޓީތަކުން އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ހަގީގަތަކީ، މަލްޓި ޕާޓީ އިލެކްޝަނެއް ބޭއްވި އިރު ރައްޔިތުން ބަނޑަށްޖެހިފައިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ، މިހާރު މިއޮތް ސިސްޓަމަކީ ރަނގަޅު ސިސްޓަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ތަފާތު ކުރުންތަކެއް ނެތި އާއްމު ހިދުމަތްތައް ރައްޔިތުންނަށް ދޭންވާނެ ކަމަށް ގާނޫނު އަސާސީގައި ބުނާއިރު މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންގެންދަނީ ގާނޫނޫނު އަސާސީއާ ހިލާފަށް ކަމަށާއި، އެ ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށް މަސައްކަތްކުރާއިރު އެ ހިދުމަތްތައް ލިބޭނީ ސަރުކާރު ހިންގާ ޕާޓީއާ ގުޅިގެން ކަމަށް ސަރުކާރުން ބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި 77 ގޮނޑި ހިމެނޭއިރު 13 ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ސިޔާސީ ޕާޓީތަކަށް ދިނުމާއި، އާބާދީގެ އެއްލައްކައަށްވުރެ ގިނަ މީހުން ސިޔާސީ ޕާޓީތަކަށް ސޮއިކޮށްފައި ވުމާއި، ޕާޓީތަކަށް ސޮއިކުރުމުގެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 50 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ސިއިކޮށްފައިވުމުން ދިވެހިން ސިޔާސީ ޕާޓީ ގަބޫލުކޮށްފި ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި މި ނިޒާމަކީ ވެރިކަންކުރާ ފަރާތަށް ޕަރެޝަރުކޮށްގެން އިސްލާހް ގެނެވޭ ނިޒާމެއް ކަމަށް ވިދާޅުވެ އެކަމާބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަނގުރަލާއި އޫރު މަހާއި އޫރުމަހުން އުފައްދާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުމަށްޓަކައި، ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށް ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ސިޔާސީ ޕާޓީތަކުގެ ބިލު ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ.