ހުޅުލެއިން ފުރައިގެން ކްލަބް މެޑް ކަނި (ކަނިފިނޮޅު) ރިސޯޓަށް ދިޔަ ލޯންޗެއްގެ އިންޖީނުގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ފިހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ސަން އަށް ވިދާޅުވީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި ވަނީ އަލިފާންރޯވި ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއަކާއި ދެ ފަތުރުވެރިއެއް ކަމަށެވެ.

އެ ލޯންޗުގެ ކެޕްޓަނަކީ ދިވެއްސެކެވެ. ދޫކޮށްލި ފަޅުވެރިއަކީ އިންޑިއާގެ މީހެކެވެ. އަދި ދޫކޮށްލި ދެ ފަތުރުވެރީންނަކީ ޗައިނާގެ ދެ ފަތުރުވެރިންނެވެ.

ފަރުހަތު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކުރި ތިން ފަތުރުވެރިން ވެސް ހަވީރު 3:30 އެހާކަންހާއިރު އެ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި ޗައިނާއަށް ނިސްބަތްވާ އެ ތިން ފަތުރުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ޗައިނާގެ ދެ ކުޑަކުދިންނާ އެކު މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ 19 މީހަކަށް ކަމަށް ވެސް ފަރުހަތު ވިދާޅުވިއެވެ.

މޫނުފިހިގެން ސީރިއަސް ޒަޚަމްތަކެއް ލިބުނު ބަންގްލަދޭޝްގެ ފަޅުވެރިޔާގެ ތިން ގަނޑިއިރުގެ ސާޖަރީއެއް ހެދުމަށްފަހު އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އައިޖީއެމްއެޗްގެ ސީއީއޯ ވިދާޅުވިއެވެ.

ޖުމްލަ 24 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ލޯންޗުގައި އަލިފާންރޯވެފައި ވަނީ މެންދުރު 1:30 އެހައިކަންހާއިރު އެވެ.

އެ ލޯންޗުން ދަތުރުކުރި މީހަކު ބުނީ ކުއްލިއަކަށް އޭގެ އިންޖީނުގައި ރޯވީ ކަމަށާއި ރޯވި ސަބަބެއް ނޭނގޭ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތަފްސީލު:

  • ޗައިނާ - 16
  • ޖަޕާން - 2
  • ބަަންގްލަދޭޝް - 1
  • އިންޑިއާ - 2
  • ސްރީލަންކާ - 1
  • ރާއްޖެ - 1