ރާއްޖޭގެ ބައެއް ރަށްރަށަށް އަންނަ ހޯމަ ދުވަހު ހިފާ ހަނދުކޭތައާ ގުޅިގެން އުދައަރާފާނެތީ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތައްޔާރީ ހާލަތު ހަރުދަނާ ކޮށްފައިވާ ކަަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފަވަނީ އުދައެރުމާ ގުޅިގެން ދިމާވެދާނެކަންތައްތަކަށް ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

އުދައެރުމުގެ ސަބަބުން ސިއްހީގޮތުން ދިމާވެދާނެ ކަންތައްތަކަށް ރައްކާތެރިވުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ ތެރޭގައި ކާބޯތަކެއްޗާއި ފެން ރައްކާތެރިގޮތުގައި ބެހެއްޓުން ހިމެނެއެވެ. އެގޮތުން އެތަކެތި ފެންނުވަންނާނެ ތަނެއްގައި ބެހެއްޓުމަށް ހެލްތު މިނިސްޓްރީން އެދެއެވެ.

ބޯން ބޭނުންކުރާ ފެނަކީ ސާފުފެން ކަމުގައި ބެލެވޭނީ

  • ކޮލަރިން ކޮށްފައިވާ ފެން.

  • އެއް މިނިޓެއްވުރެ އިތުރަށް ކައްކާފައިވާ ފެން.
  • ބަލިތައް ޖައްސާ ޖަރާސީމުތައް ފިލްޓާކުރެވޭފަދަ މައިކްރޯބިއަލް ފިލްޓާއަކުން. ފުރާނާފައިވާ ފެން ކަމުގައިވުން.
  • ބަލާބެލުމުގައި އެއްވެސް ކަހަލަ ކުޑި ފަދަ އެއްޗެއް ނެތް ފެން.

ބޭސްރައްކާތެރިކޮށް ބަހައްޓަވާ

މީގެ އިތުރުން ބޭނުންކުރާ ބޭސް ރައްކާތެރިކޮށް ބެހެއްޓުމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އެ ގޮތުން ބޭސް ފެންނުވަންނާނޭ ގޮތަށް ރައްކާތެރިކޮށް ބެހެއްޓުމަށާއި ދިގު މުއްދަތަކަށް ބޭސް ކާނަމަ މަދުވެގެން ދެ ހަފްތާ އަށް ބޭނުންކުރެވޭ ވަރަށް ބޭސް ހުރިކަން ޔަގީންކުުރުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.. އަދި ބޭސްސިޓީ އާއި ބޭސްފަރުވާއާ ގުޅޭ އެއްމެހައި ލިޔުންތައް ރައްކާތެރިތަނެއްގައި ފަސޭހައިން ނެގޭގޮތަށް ބަހައްޓަން ވެސް ހެލްތު މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

އުދައަރާފާނެ ކަމަށް ލަފާކޮށްފައިވާތީ ފުލުހުން ތައްޔާރީހާލަތުގައި ތިބުމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ މިރޭ އަންގާފައެވެ.

މުސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ އުދައަރާނެ ކަމަށް ލަފާކުރެވެނީ ދުވާލު 11:30 އިން 3:30 އަށާއި ދަންވަރު 12:00 އިން 3:30 އަށް ކަމަށެވެ. އެހެންނަމަވެސް ދިޔަވަރު ބޮޑުވުމުގެ ސަބަބުން ދެގަޑިއިރުކުރިން ވެސް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.