އުދައެރުވުމުގެ ސަބަބުން މުދަލަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް އެސްޓީއޯ އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު މިރޭ ސަން އަށް ވިދާޅުވީ އެ ކުންފުނީގެ ގުދަންތަކަކީ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތާއި އަދި އެނޫންވެސް ތަކެތި ރައްކާކޮށްފައި ހުންނަ ތަންތަނަށް ވާތީ، ގުދަންތަކަށް ފެންނުވަންނާނެހެން ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކަޅުތުއްކަލާ ކޮށީގެ ހުޅަނގުފަރާތުގައި ހުރި އެސްޓީއޯގެ ގުދަނުގައި ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް މިރޭ ކުރިއަށްދަނީ ---- ސަން ފޮޓޯ: އަލީ ނަސީރު

އެގޮތުން މާލެއާއި އަތޮޅުތަކުގައި ހުރި އެސްޓީއޯގެ ގުދަންތަކުގައި ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަ ކަމަށް ޝަހީރު ވިދާޅުވިއެވެ.

"މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް އުދައަރާނެކަމަށް ލަފާކުރެވޭ ރަށްރަށުގައި ހުރި އެސްޓީއޯގެ ގުދަންތަކުގައި ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން،" ޝަހީރު ވިދާޅުވިއެވެ.

އަންނަ ހޯމަ ދުވަހު ރާއްޖެއަށް އުދައަރާފާނެ ކަމުގެ އިންޒާރު، ކަނޑުތަކާ ބެހޭ ގޮތުން ދިރާސާކުރާ އިންޑިއާގެ އިދާރާ، އިންޑިއަން ނެޝަނަލް ސެންޓަފޯ އޯޝަން އިންފޮމޭޝަން ސާވިސަސް(އައިއެންސީއޯއައިއެސް)ގެ ސައިންސްވެރިން ވަނީ ލަފާކޮށްފައެވެ.

ކަޅުތުއްކަލާ ކޮށީގެ ހުޅަނގުފަރާތުގައި ހުރި އެސްޓީއޯގެ ގުދަނުގައި ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް މިރޭ ކުރިއަށްދަނީ ---- ސަން ފޮޓޯ: އަލީ ނަސީރު

އުދައެރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑިފެންސް މިނިސްޓްރީން ވަނީ ރަށްރަށުގެ ކައުންސިލްތަކާއި އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.