އަންނަ ހޯމަ ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރާނެ ކަަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ދިވެހި ފުލުހުން ތައްޔާރީ ހާލަތުގައި ތިބުމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އަންގަވައިފިއެވެ.

ފުލުހުން ނެތް ރަށަކަށް އުދައަރައިފިނަމަ، އެ ޑިވިޝަނަކުން ނުވަތަ އެ އަތޮޅަކުން އެންމެ ކައިރިން ފުލުހުންނަށް ދެވެން އޮތް ރަށަކުން ވީހާވެސް އަވަހަށް އެރަށަކަށް ގޮސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހުސައިން ވަހީދު ވަނީ އަންގަވާފައެވެ.

އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި ހުރިހާ ފުލުހުން ވެސް އެލާޓްގައި ތިބުމަށް ވެސް ކޮމިޝަނަރު އޮފް ޕޮލިސް ވަނީ ހުރިހާ ޕޮލިސްޓޭޝަންތަކަށް އަންގަވާފައެވެ.

"ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން މޫދާ ކައިރި ހިސާބުތަކަށް ނުދިއުމަށާއި، ދުއްވާތަކެތި އެ ސަރަހައްދުތަކުގައި ޕާކްކޮށްފައި ނުބެހެއްޓުމަށާއި ގެއްލުން ލިބިދާނެފަދަ މުދަލާއި އެހެނިހެން ތަކެތި އެ ސަރަހައްދުތަކުގައި ނުބެހެއްޓުމަށް ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް އަންގަވައި އިލްތިމާސްކުރުމަށް އެދިލެއްވިއެވެ." ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު "ސަން"އަށް މައުލޫމާތު ދެއްވަނީ-- ސަން ފައިލް ފޮޓޯ

އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ހޮސްޕިޓަލާއި ސިއްހީ މަރުކަޒާއި އިންޖީނުގެ އާއި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތް ގާއިމް ކޮށްފައިވާ ފަދަ ތަންތަން ރައްކާތެރިކުރެވޭނެ އިންތިޒާމްތައް ހަމަޖައްސުމަށާއި ސިއްހީގޮތުން ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކުނިކޮށްޓާއި ކުނި ގޮނޑު ފަދަ ތަންތަން ރައްކާތެރިކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގައި ކައުންސިލްތަކާއި ރައްޔިތުންނާ ގުޅިގެން ފުލުހުން އިސްވެ ހަރަކާތްތެރިވުމަށްވެސް ޑިވިޝަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުންނަށް ހުސައިން ވަހީދު ވަނީ މިއަދު އަންގަވާފައެވެ.

އުދައެރުމުގެ މިފަދަ ހާދިސާތަކާ ގުޅިގެން ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަޅަމުންގެންދާއިރު ކޮންމެ ރައްޔިތަކުވެސް ފަރުދީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށާއި ކަމާބެހޭ އިދާރާތަކުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ހުރިހާ ރައްޔިތުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ.