26 Sep 2015, 21:36
މިއީ ކޯޗެއްގެ ގޮތުގައި ފައިނަލް މެޗެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމުގައިވިޔަސް އަމާޒަކީ ޕްރެޒިޓެންޓްސް ކަޕްގެ ތަށި ހޯދުން ކަމަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު މިކަން ހާސިލް ކުރާނަން. އަޅުގަނޑު ހުރެގެން ނިއު ރޭޑިއަންޓަށް ހަމަ ތަށި ހޯދައި ދޭނަން. އެ އަޒުމުގައި ހުރިހާ ޕްލެޔަރުން ތިބީ،" ސޮބާ ބުންޏެވެ.
"މެނޭޖްމަންޓް އޮތީ އަޅުގަނޑާ އެކީގައި. އެހެންވީމާ އަސްލު މިއަދު ވަރަށް އުފާވެއްޖެ."
އައްޑޫ ސިޓީގެ ހިތަދޫ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު އީގަލްސްއާ ދެކޮޅަށް ކުޅެ 2-1ގެ ނަތީޖާއަކުން ކުރި ހޯދައި ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސޮބާ ބުނީ ފައިނަލާ ހަމައަށް މި އާދެވުނީ ވަރަށް ގިނަ ހުރަސްތައް ގިރާކުރުމަށް ފަހުގައިކަމަށާއި މިއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
ސޮބާ ދެކޭގޮތުގައި ފުޓުބޯޅައިގައި އެއްޓީމް އަނެއްޓީމަށް އިހްތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
"މީއީ ފަސޭހަ ކަމެއްނޫން. އަޅުގަނޑަށް ވަރަށް ބޮޑު ޗެލެންޖެއްމީ. އަޅުގަނޑު ބޭނުންވި ޓާގެޓަށް، ފައިނަލަށް އާދެވިއްޖެ. އިދިކޮޅުފަރާތަށް ފުރިހަމައަށް އިހްތިރާމް ކުރަން. އަޅުގަނޑަކީ ސާންތީގެ ދަރިވަރެއް. މިއަދު މި ނިކުތީ އިނދިކޮޅަށް. އެހެންނަމަވެސް އަޅުގަނޑު ފުލް ރެސްޕެކްޓް ދިނިން އަދި ކުރިޔަށް އޮތްތާނގަ ވެސް އެ ރެސްޕެކްޓް ދޭނަން. އެންމެ މުހިންމު ކަމެއްގެ ގޮތުގަ ދެކެނީ އެކަން ދަނެގެން މަސައަކަތް ކޮއްފިއްޔާ ކާމިޔާބާހަމައަށް ދާކަށް މާ އުދަގޫކަމަކަށް ނުވާނެ،" ސޮބާ ބުންޏެވެ.
މިހިސާބަށް އައުމުގައި އެންމެ ބޮޑު ޝުކުރެއް އަދާކުރަން ބޭނުން ވަނީ ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އަށް ކަމަށް ސޮބާ ބުންޏެވެ.
"ޗެއާމަން އަޅުގަނޑަށް ކުރެއްވި އިތުބާރު އެތަށް ބަޔެއްގެ ފާޑުކިޔުންތަކާ އެކު މި ޑިސިޝަން ނަގަން ބޭނުން ނުވެހުއްޓާ އަޅުގަނޑަށް މިހާބޮޑު ޒިންމާއެއް ހަވާލުކޮށް މި ފަދަ ފުރުސަތެއް ދިނީތީ ޗެއާމަން އަލީވަހީދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން،" ސޮބާ ބުންޏެވެ.
ކޯޗެއްގެ ގޮތުގައި ކުރިއައް ދާން ބޭނުންވެފައި ހުރި ސޮބާ ބުނީ، މިއީ ފެށުން ކަމަށާއި ކޯޗެއްގެ ގޮތުގައި ކުރިޔަށް ދިއުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކުރާނެ ކަމަށެވެ.