26 Sep 2015, 20:08
ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލު ކުރި މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ނިއުރޭޑިއަންޓުން ކަށަވަރު ކޮށްފިއެވެ. މިއީ މި މުބާރާތުގެ ފައިނަލުން ނިއު ޖެހިޖެހިގެން ޖާގަހޯދި ފަސްވަނަ ފަހަރެވެ.
މި މުބާރާތުގެ ފައިނަލްގައި ވެސް މިދިޔަ އަހަރު ވާދަކުރި ނިއުއާއި އީގަސްލްސް، މިއަދު ހަވީރު އައްޑޫ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ވާދަކުރި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް ލީޑު ނެގީ ނިއުރޭޑިއަންޓުންނެވެ. އެ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޕެންލަޓީއޭރިއާގެ ބޭރުން ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ބޯޅަ އީގަލްސްގެ ގޯލުގެ މަތީކަނަށް ވަށްދާލައިގެންނެވެ.

ނިއުރޭޑިއަންޓްއާއި އީގަލްސް ބައްދަލު ކުރި މެޗްގައި ނިއުގެ ކީޕަރު އުފާފާޅު ކުރަނީ --- ފޮޓޯ: އެފްއޭއެމް
އެނަތީޖާއާއި އެކު ފުރަތަމަ ހާފް ނިއުރޭޑިއަންޓުން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފްގައި އީގަލްސް އިން އެ މީހުންގެ ކުޅުން ރަނގަޅު ކޮށް ނިއިރޭޑިއަންޓްގެ ގޯލަށް ނުރައްކާ ކުރިއެވެ. އެގޮތުން އީގަލްސްގެ ރިޒްވާން ނިއުގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ނިއުގެ ގޯލްކީޕަރެވެ.
އީގަލްސް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 79 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ ނިއުގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އީގަލްސްގެ ސިއަރަލިއޯން ފޯވާޑް އަބޫ ޑެސްމޮން މަންސާރޭ އެވެ. އެހެން ނަމަވެސް އީގަލްސްއިން ލަނޑުޖެހިތާ މާގިނަ އިރުތަކެއް ނުވެ ނިއުރޭޑިއަންޓް ގެ ކެޕްޓަން އަޝްހަދު އަލީ (އަޑުބަރޭ) ވަނީ ގޯލެއް ކާމިޔާބު ކޮށްދީ އެޓީމް ފައިނަލަށް ގެންގޮސްދީފައެވެ.
އެ ގޯލް ނިއުރޭޑިއަންޓަށް ކާމިޔާބު ކޮށްދިނީ މެޗްގެ 83 ވަނަ މިނެޓްގައި ލިބުނުކޯނަރަކުން އައްސަދު އަލީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ވޭތުވެދިޔަ ތިން އަހަރުވެސް މިމުބާރާތް ކާމިޔާބު ކޮށްފައިވާ ނިއު ފައިނަލް މެޗުގައި ވާދަކުރާނީ، މާދަމާ ހަވީރު ސެމީގެ ދެ ވަނަ މެޗުގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.