26 Sep 2015, 17:12
ރާއްޖޭގައި ޖިންސީ ތަފާތުކުރުންތައް ނަންތާނުލެވިގެން މިއުޅެނީ އެކަންހައްލުކުރުމުގެ ސިޔާސީ ގަސްތެއް ނެތުމުން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ 70 ވަނަ ޖެނެރަލް އެސެމްބްލީގައި މިއަދު ވާހަކަފުޅުދައްކަވަމުން ދުންޔާ ވިދާޅުވީ ޖިންސީ ތަފާތުކުރުންތަކަކީ ހައްލެއް ނެތް ކަމެއްނޫން ކަަމަށެވެ. އަދި އެކަމަށް ހައްލުހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން އެކަށީގެންވާ މަސައްކަތް ކުރެއްވުމަށް ވެސް ދުންޔާ ގޮވާލެއްވިއެވެ.
ރާއްޖޭގައި ޖިންސީ ތަފާތުކުރުންތައް ނައްތާލުމަކީ ދިވެހި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.
ޖިންސީ ތަފާތުކުރުންތައް ނަންތާލުމަށް ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް އެ ބައްދަލުވުމުގައި ދުންޔާ ވާހަކަފުޅުދެއްކެވިއެވެ.
އެގޮތުން ރާއްޖޭގައި ޖިންސީތަފާތުކުރުންތައް ނައްތާލުމަށް ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ އެންމެނަށް ތައުލީމް ދިނުމާއި ދިވެހި ހުރިހާ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ދިނުން ކަން ދުންޔާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ސަރުކާރުން ކުރިއަށްގެންދާ އިޖުތިމާއީ ބޯހިޔާވަހިކަަމަކީ ވެސް ޖިންސީ ތަފާތުކުރުން ނަންތާލުމުގެ ވިސްނުމާ އެކީގައި ކުރިއަށްދާ ކަމެއް ކަަމަށް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ދިވެހި އަންހެނުންނަކީ އަބަދުވެސް އިގްތިސާދީ ގޮތުން ހަރަކާތްތެރި ބައެއް ކަމަށެވެ.
ޖިންސީ ތަފާތުކުރުން ނަންތާލުމުގައި ރާއްޖެ އަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް މަދުވުމާއި އަދި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން މަދުުވުން ހިމެނޭކަމަށް ދުންޔާ ވިދާޅުވިއެވެ.