އަޟްހާ އީދާ ގުޅުވައިގެން ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަޙްމަދު (އަބުޅޯ) އާއި ގދ. ތިނަދޫ ހަވަރު ސްޕޯޓްސް ގުޅިގެން ތިނަދޫގައި ބަށި މުބާރާތެއް ފަށައިފިއެވެ.

"އަލް މުދިޝް އަބުޅޯ ބަށި ޗެލެންޖު 2015"ގެ ނަމުގައި ތިނަދޫގައި މި ފެށި ބަށި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. އަދި ރަނަރަޕް ޓީމަކަށް 20،000ރ. ކަނޑައެޅިފައިވާ މި މުބާރާތުގެ މިހާތަނަށް ވަނީ 3 މެޗް ކުޅެފައެވެ.

މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމް ބައިވެރިވެއެވެ. މި މުބާރާތަކީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރާއި ތިނަދޫ ހަވަރު ސުޕޯޓްސް ގުޅިގެން "ރަށުގެ އިޖްތިމާއީ ރޫޙް އާލާކޮށް ދިރުވުމަށް އަބުޅޯގެ އަމާޒް" މި ޝިޔާރު ގެ ދަށުން މިދިޔަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ތިނަދޫގައި އިޖްތިމާއީ ހަރަކާތްތަށް އިތުރުކޮށް ބަށި ފަދަ ކުޅިވަރުތަށް ކުރިއެރުވުމަށް ހިތްވަރު ދިނުންކަމުގައި މުބާރާތް އިންތިޒާމް ކުރާފަރާތުން މައުލޫމާތުދެއެވެ.

ތިނަދޫގައި ކުރިޔަށް ދާ ބަށި މުބާރާތުގެ ތެރެއިން 2 ޓީމްގެ ކުޅުންތެރިން --- ފޮޓޯ: ކިޔުންތެރިއެއް

މުބާރާތުގެ ފުރަތަމަ މެޗްގައި ބީސީ ހަބޭސްއާއި ލޮޓަސް ބައްދަލު ކުރި މެޗް ކާމިޔާބު ކުރީ ބީސީ ހަބޭސްއެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ހަބޭސް ގެ އައިމިނަތު ޒަމީލާއެވެ.

ދެވަނަ މެޗްގައި އިއްޔެ ހެނދުނު ފަތްމިނި ޓީމާއި ޑީބީޓީ ބައްދަލު ކުރި މެޗު ކާމިޔާބު ކޮއްފައިވަނީ ފަތްމިނި ޓީމެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފަތްމިނި ޓީމްގެ މުނިޔަތު ނުފޫޒް އެވެ.

ތިން ވަނަ މެޗްގައި މިއަދު ހެނދުނު ބީސީ ހަބޭސްއާއި ހިތްވަރު ޓީމް ބައްދަލު ކުރި މެޗް ހަތަރު ފޯލީގެ ތަފާތުން ކާމިޔާބު ކޮށްފައިވަނީ ހިތްވަރު ޓީމް އެވެ. މި މެޗް ގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހިތްވަރު ޓީމް ގެ ޝިހާމާ އަބްދުލް ރަޝީދުއެވެ.

މި މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓުލިބޭ ދެ ޓީމް ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ހަވީރުއެވެ.