ބްރެޒިލްގައި ކުރިއަށްދާ ފަތުރުވެރިކަމުގެ އެކްސްޕޯގައި ރާއްޖޭގެ ސްޓޭންޑަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

ބްރެޒިލްގެ ސައުޕޯލޯ ގައި ކުރިއަށްދާ ބްރެޒިލް ޓްރެވަލް އޭޖެންސީ އެސޯސިއޭޝަން (އަބަވް)ގެ އެކްސްޕޯ އަކީ އެމެރިކާ ބައްރުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެކްސްޕޯއެވެ.

"ބްރެޒިލް އަކީ ރާއްޖެ އަށް އަދި އެހާގިނައިން ފަތުރުވެރިން އަންނަ ގައުމެއް ނޫން. މި އެކްސްޕޯގެ ތެރޭގައި ރާއްޖޭ އަށް މި ސަރަހައްދުގެ ފަތުރުވެރިން އިތުރުކުރެވޭނެ ގޮތާއި ބެހޭގޮތުން ރާއްޖޭގެ ކުންފުނިތަކުން ދަނީ ބްރެޒިލްގެ ޓްރެވެލް އެޖެންސީތަކާއި އެސޯސިއޭޝަންތަކާއި މައްޝްވަރާކުރަމުން،" ޒިޔަތު ވިދާޅުވިއެވެ.

ބްރެޒިލްގެ ސައުޕޯލޯ ގައި ކުރިއަށްދާ އަބަވް އެކްސްޕޯގައި ޒިޔަތު ބައިވެރިވަޑައިގަންނަވާ -- ފޮޓޯ: އެމްއެމްޕީއާރުސީ

މީގެ އިތުރުން ދެކުނު އެމެރިކާގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކުރުމަށް ރޯޑްޝޯއެއްް ބާއްވަން ހަމަޖެހިފައިވާ ކަަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

ރާއްޖޭން މުޅިން އަލަށް ބައިވެރިވި އެ އެކްސްޕޯގައި ރާއްޖޭގެ 13 ކުންފުންޏަކުން 20 ފަރާތެއް ބައިވެރިވެއެވެ.

އެ އެކްސްޕޯގައި ދުނިޔގެ އެކިކަންކޮޅުތަކުން 40،000 ޓްރެވަލް އެޖެންސީ ބައިވެރިވެއެވެ. ބުރާސްފަތި ދުވަހު ފެށި އެ އެކްސްޕޯ މިއަދު ނިމޭނެއެވެ.

ބްރެޒިލްގެ ސައުޕޯލޯ ގައި ކުރިއަށްދާ އަބަވް އެކްސްޕޯ -- ފޮޓޯ: އެމްއެމްޕީއާރުސީ

ދެކުނު އެމެރިކާ ސަރަހައްދަކީ ރާއްޖެ އަށް ގިނައިން ޓޫރިސްޓުން އަންނަ ސަރަހައްދެއް ނޫނެވެ. ފާއިތުވި އަހަރު ބްރެޒިލުން ރާއްޖެ އައިސްފައިވަނީ 4321 ފަތުރުވެރިންނެވެ. އެއީ ޖުމްލަ އައި ފަތުރުވެރިންގެ 0.4 ޕަސެންޓެވެ. މި ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިން އެކްސްޕޯގެ ސަބަބުން އިތުރުވާނެ ކަަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ފަތުުރުވެރިކަން ޕްރޮމޯޓް ކުރުމަށް ރާއްޖޭން ދަނީ ގިނަ އެކްސްޕޯ ތަކުގައި ބައިވެރިވަމުންނެވެ.