26 Sep 2015, 16:40
އިންސާނީ ހައްގުތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން "ގަދަބަސް2015" މިނަމުގައި ބޭއްވި ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ފުލުހުން ހޯދައިފި އެވެ.
މިމަހުގެ ތިން ވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށް ބޭއްވި އެ ބަހުސް މުބާރާތުގެ އެންމެ މޮޅު ބަހުސް ކުރުންތެރިއަކަށް ހޮވިފައި ވަނީ އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް އިން ވާދަކުރި ޕޮލިސް ސްޓޭޝަން އިނިސްޕެކްޓަރު އާތިފާ ހަސަނެވެ.
އާތިފާގެ އިތުރުން ޕޮލިސް ޓީމުން ބަހުސްގައި ބައިވެރިވެފައި ވަނީ ޕޮލިސް ސްޓާފް ސާޖަންޓު އާޔަތުﷲ އިބްރާހީމާއި އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ފަސީހާއި ޕޮލިސް ސާޖަންޓު ނައުފަލް އީސާ އަދި ޕޮލިސް ކޯޕްރަލް އަލީ އަޚްތަރެވެ. އެ މުބާރާތުގެ ޗެންޕިއަންކަން ޕޮލިސް ޓީމް ހޯދީ އެއްވެސް މެޗަކުން ބަލިނުވެއެވެ.
އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް އާއި ގައުމީ ޔުނިވާސިޓީ އާއި ސައިރިކްސް ކޮލެޖާއި މައި މައި ކޮލެޖް ވާދަކުރި އެ މުބާރާތުގެ ރަނަރަޕް ޓީމަކީ ގައުމީ ޔުނިވާސިޓީއެވެ.
ގައުމީ ޔުނިވާސިޓީގެ ފަރާތުން ބަހުސްގައި ބައިވެރިވެފައި ވަނީ މުހައްމަދު ޝަނޫނާއި އާމިނަތު ހުޝާމާ އާއި އަހްމަދު އަނޫޝް އަދި އަންވަރު އިބްރާހީމްގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު ހުސައިން ސޮލާހު ޔޫސުފެވެ.
ޗެމްޕިއަން ޓީމަށް ތައްޓާއި ރަންމެޑަލާއި ހަނދާނީ ލިޔުމުގެ އިތުރުން ދިރާގުގެ ފަރާތުން ޗެމްޕިއަން ޓީމްގެ ކޮންމެ މެމްބަރަކަށް ދޭ ސެމްސަންގް ގެލެކްސީ ޓެބް 3 ލައިޓް އެ ފަރާތްތަކާ ހަވާލުކޮށްދެއްވީ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނެވެ.
ރަނަރަޕް ޓީމްގެ ކޮންމެ މެމްބަރަކަށް ހަނދާނީ ލިޔުމާއި ރިހިމެޑަލް އަދި ދިރާގުންދީފައިވާ އެކްސްޓާނަލް ހާޑު ޑިސްކުވެސް ވަނީ ހަވާލުކޮށްފައެވެ.
އެ މުބާރާތުން އެންމެ ގަދަ ފަސް ބަހުސްކުރުން ތެރިން ވެސް ވަނީ ހޯދައިފައެވެ. ގަދަފަހެއްގައި ތިން ފުލުހަކު ހިމެނުނުއިރު، ގައުމީ ޔުނިވާސިޓީ ޓީމުން ގަދަފަހެއްގައި ހޮވިފައި ވަނީ ދެ މެމްބަރެކެވެ.
އެ މުބާރާތުގެ ރެކޯޑިންގް ޓީވީއެމް އިން ދައްކަން ހަމަޖެހިފައިވީނަމަވެސް މިހާތަނަށް އެއްވެސް ބަހުސްއެއްގެ ރެކޯޑިންގް ދައްކާފައެއް ނުވެއެވެ.