ހުޅުލެއިން ފުރައިގެން 24 މީހުންނާއެކު ކްލަބް މެޑް ކަނި (ކަނިފިނޮޅު) ރިސޯޓަށް ދިޔަ ލޯންޗެއްގެ އިންޖީނުގައި އަލިފާން ރޯވެ އެއިން ދަތުރުކުރި އެންމެން ފިހި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ގިނަބަޔަކު ތިބީ ހައިރާން ކަމެއްގެ ތެރޭގައެެވެ.

"ސުވެނިއާ 18" ނަމަކަށް ކިޔާ އެ ލޯންޗުގެ އިންޖީނުގައި ރޯވި ސަބަބެއް ބުނެދޭކަށް ލޯންޗުން ދަތުރު ކުރި މީހުންނަކަށްވެސް އަދި ނޭނގެއެވެ. ލޯންޗުން ދަތުރުކުރި ގިނަ ފަތުރުވެރިންތަކެއް ފިހި ގެއްލުންތަކެއް ވެފައިވާއިރު އެމީހުންނަށް އައިޖީއެމްއެޗާއި އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

ފިހުނު ބައެއް މީހުން ހުޅުލޭ ހެލްތު ޕޯސްޓަށް ގެންދަނީ --

އައިޖީއެމްއެޗުން ފަރުވާ ހޯދައިގެން ނުކުތް، އެ ލޯންޗުގައި ދަތުރުކުރި ދިވެއްސަކު ކިޔައިދިން ގޮތުން " ލޯންޗުގައި ރޯވީ ހަމަ ކުއްލިއަކަށް" އެވެ. އަދި ރޯވާން ދިމާވި ސަބަބެއްވެސް ބުނެދޭން ނޭނގޭކަމަށް އޭނާ ބުންޏެވެ. ނަމަވެސް ރޯވީ 24 މީހުންނާއެކު ދަތުރުކުރި އެ ލޯންޗުގެ އިންޖީނުގައި ކަމަށް އޭނާ ބުންޏެވެ.

ހާދިސާއާ ބެހޭގޮތުން މާ ބޮޑުވާހަކައެއް މީޑިއާއާ ހިއްސާކުރަން ބޭނުން ނުވާކަން އޭނާގެ ވާހަކަތައް ހުރިގޮތުން ދޭހަވި އެވެ. ލޯންޗުން ދަތުރު ކުރި މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ލޯންޗުގެ އިންޖީނުގައި ރޯވީ އިންޖީނުގެ ބެޓެރިއަށް ދިމާވި މައްސަލައަކުން ކަމަށެވެ.

މެންދުރު 1:10 ކަންހާއިރު ހިނގި އެހާދިސާގައި ގިނަ އަދަދެއްގެ ފަތުރުވެރީން ވަނީ ފިހިފައެވެ. ލޯންޗު ދަތުރުކުރަމުން ދިޔައީ ކްލަބްމެޑް ކަނި ފިނޮޅަށް ފަތުވެރިންނާ އެކު އެވެ. ފިހުނު މީހުންގެ ތެރޭގައި ޗައިނާ، ބަންގްލަދޭޝް އިންޑީއާ އަދި ޖަޕާން މީހުންވެސް ހިމެނެ އެވެ.

ފިހުނު ބައެއް މީހުން ހުޅުލޭ ހެލްތު ޕޯސްޓަށް ގެންދަނީ --

  • ޗައިނާ 16

  • އިންޑިއާ 2

  • ސްރީ ލަންކާ 1

  • ބަނގުލަދޭޝް 2

  • ޖަޕާން 2

  • ދިވެހި 1

ފުލުހުންނާއި އެމްއެންޑީއެފުން މިހާރު ދަނީ އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭގޮތުން އަދި އެއްވެސް އެއްޗެއް ދަންނަވަން ނޭނގޭ ކަމަށާއި ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ ލޯންޗުގައި އަލިފާން ރޯވި ހަބަރު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސަރވިސް އާއި ފުލުހުންގެ މެރިން ޕޮލިސް ގުޅިގެން މީހުން ސަލާމަތްކޮށް ލޯންޗުގައި ރޯވި އަލިފާން ގަނޑު ވަނީ ނިއްވާލާފަ އެވެ.

ކަނޑުމަތީގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތަށް މިދުވަސްވަރު ހިނގާލެއް ގިނަކަން ފާހަގަކޮށްލެވެ އެވެ. ހަމައެކަނި މިއަދުވެސް އަލިފާނުގެ ދެ ހާދިސާއެއް ވަނީ ހިނގާފަ އެވެ. އަދި ކަނޑުމަތީގެ ހާދިސާއެއް ހިނގައިގެންވެސް އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފަ އެވެ.