ހައްޖު އަޅުކަމުގެ ތެރޭގައި މިނާގައި ފިތިބާރުވެގެން ގިނަ އަދަދެއްގެ ހައްޖާޖީންތަކެއް މަރުވެ އެތަކެއް ސަތޭކަ ހައްޖާޖީންނެއް ޒަޚަމްވި ހާދިސާ ސިޔާސީ ކޮށްގެން ނުވާނެ ކަމަށް މައްކާގެ އިމާމު ޝެއިހް ސާލިހް އަލް ތާލިބު ވިދާޅުވެއްޖެ އެވެ.

އިއްޔެ ހަރަމްފުޅުގައި ދިން ހުތުބާގައި ތާލިބު ވިދާޅުވީ، އެ ހިތާމަވެރި ހާދިސާ ސިޔާސީކޮށްގެން ނުވާނެ ކަމަށާއި އަދި ސައުދީ އަރަބިއްޔާގެ ބޮލުގައި އެ ކަމުގެ ތުހުމަތު އަޅުވައިގެންވެސް ނުވާނެ ކަމަށެވެ.

"ބޭރު ފަރާތްތަކުގެ ގޮތް ކިޔުންތަކާ ނުލާވެސް ހައްޖުގެ އަޅުކަންތަކުގެ ކަންކަން ސައުދީ އަރަބިއްޔާއަށް ބެލެހެއްޓޭނެ. މިވީ ގިނަ ދުވަސްތަކުގައިވެސް އައީ ބަލަހައްޓަމުން. އެހެން ކަމުން އެ ހާދިސާގެ ތުހުމަތު ސައުދި އަރަބިއްޔާގެ ބޮލުގައި އެޅުވިގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަންތައް ބެލެހެއްޓުމަށް ސައުދީން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭއިރު އެ ހާދިސާއަކީ ހައްޖުވެރިން އަމަލު ކުރަންޖެހޭ ގަވާއިދާ ހިލާފަށް ކަންތައް ކުރުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ވެސް ތާލިބު ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި 717 މީހަކު މަރުވެފައި ވާ އިރު 863 މީހަކު ވަނީ ޒަހަމް ވެފައެވެ.

މިނާގެ ޙާދިސާ ހިނގުމުގެ ދިހަވަރަކަށް ދުވަސްކުރިން މައްކާގެ ހަރަމްފުޅަށް ބިޔަ ކެރޭނެއް ވެއްޓުމުގެ ސަބަބުންވެސް ހައްޖުވެރިންގެ 107 މީހުން މަރުވެ ދުއިސައްތައަށްވުރެ ގިނަ ހައްޖުވެރިންވަނީ ޒަޚަމްވެފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ހޯދުމުގެ ތަހްގީގްތައްވެސްް ސައޫދީ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފަށާފައެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި ހިނގާ އެކިއެކި ޙާދިސާތަކުގައި ގިނައަދަދެއްގެ ހައްޖުވެރިން މަރުވެ އަދި ޒަޚަމްވުމަކީ ކުރީއްސުރެވެސް ހިނގަމުންދާ ޙާދިސާތަކެވެ. ނަމަވެސް މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިން ގިނަ އަދަދަކަށް މަރުވާ ހާދިސާތަކެއް އެއްފަހަރަށް ވުރެ ގިނަ ފަހަރަށް ތަކުރާރުވެގެން ދިޔުމުން ހައްޖުވެރިންގެ ކުރިމަތީގައާއި އިސްލާމީ ދުނިޔޭގެ ކުރިމަތީގައި ސައޫދީ ސަރުކާރުވަނީ ވަރަށް ލަދުވެތިވެފައެވެ.