އދ. މަޖިލިސް (ސެޕްޓެމްބަރު 26): ސޫރިޔާގެ ރެފިއުޖީން ޔޫރަޕްގެ ގައުމުތަކަށް ހިޖްރަކުރަނީ މައިގަނޑު ހަތް ސަބަބަކާ ގުޅިގެންކަމަށް އދ. ން ބުނެފި އެވެ.

ރެފިއުޖީންނާބެހޭ އދ.ގެ ހައިކޮމިޝަނުން ބުނީ، ސޫރިޔާގެ ރެފިއުޖީން ޔޫރަޕަށް ހިޖްރަކުރަނީ އެތަށް ސަބަބަކާ ގުޅިގެންކަމަށާއި ނަމަވެސް އޭގެެތެރޭގައި މައިގަނޑު ހަތް ސަބަބު ހިމެނޭ ކަމުގައެވެ.

ފުރަތަމަ ސަބަބަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމަަށް 4 އަހަރު ވެ ފަސްވަނަ އަހަރަށް އަޅާފައިވާއިރު މިހަނގުރާމަ ނިމޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމެވެ. އަދި ބައްޝާރުގެ ވެރިކަން ވެއްޓުނު ނަމަވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތްފަދަ ޖަމާއަތަކީ ބައްޝާރުގެ ވެރިކަންފަދަ ހަރުކަށި އަދި އަނިޔާވެރި ޖަމާއަތްތައް ކަމަށްވާތީ ބައްޝާރަށްފަހު ވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް އަންނާނެ ކަމުގެ އުންމީދުތައް ގެއްލިފައިވުމެވެ.

ދެވަނަ ސަބަބަކީ އަވަށްޓެރި ލުބްނާނާއި ތުުރުކީ ފަދަ ގައުމުތަކުގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީންގެ ތެރެއިން ގިނަ ބަޔަކަށް އދ. ންނާއި އެހީދޭ ޖަމިއްޔާ ޖަމާއަތަކުން ލިބޭ އެހީތައް މަދުވެ އެމީހުންގެ މުސްތަގްބަލާމެދު ބިރު ހީވުމެވެ.

ތިންވަނަ ސަބަބަކީ އަވަށްޓެރި އަރަބި ގައުމުތަކުގައި އަދި ޚާއްސަކޮށް ލުބްނާނުގައި ތިބޭ ސޫރިޔާގެ ރެފިއުޖީންނަށް ލިބޭ އިންސާނީ އެހީގެ މަދުކަމުން އެމީހުން ފަގީރުވެ މާޔޫސްވުމާއެކު އެހެން ދިރިއުޅުމެއް ހޯދުމަށް އެމީހުންނަށް މަޖްބޫރު ވުމެވެ.

ހަތަރުވަނަ ސަބަބަކީ އަރަބި ގައުމުތަކުގައި ސޫރިޔާގެ އެތަށް މިލިޔަން ރެފިއުޖީން ތިބި ނަމަވެސް އެގައުމުތަކުގެ ރައްޔިތުންގެ ގޮތުގައި އެގައުމުތަކުގެ ޕާސްޕޯޓް ލިބިގެން އުޅުމުގެ ފުރްސަތު ސޫރިޔާގެ ރެފިއުޖީންނަށް ނެތުމެވެ. ފަސްވަނަ ސަބަބަކީ ސޫރިޔާގެ ރެފިއުޖީންތިބި ލުބްނާނާއި އުރުދުން ފަދަ އަރަބި ގައުމުތަކުގައި ދަރިންނަށް ތައުލީމު ދީގެން ވަޒީފާ ހޯދައިގެން އެގައުމުތަކުގައި ދާއިމީ ގޮތަކަށް ނޫނީ ދިގުމުއްދަތަކަށް ދިރިއުޅުމުގެ ފުރްސަތު ސޫރިޔާގެ ރެފިއުޖީންނަށް ނެތުމެވެ.

ހަވަނަ ސަބަބަކީ އަރަބި ގައުމުތަކުން ސޫރިޔާގެ ރެފިއުޖީ ރައްޔިތުންނަށް ދިމާވާ ގާނޫނީ ހުރަސްތަކާއި ދަތިތަކެވެ.

ހަތްވަނަ ސަބަބަކީ ޔޫރަޕަށް ހިޖްރަކޮށްގެން ރަނގަނޅު މުސްތަގްބަލެއް ލިބިދާނެ ކަމުގެ އުންމީދު ސޫރިޔާގެ ރައްޔިތުންނަށް ބޮޑުވުމެވެ.

ޔޫރަޕަށް ހިޖްރަކުރާ ރެފިއުޖީންގެ ތެރޭގައި އިރާގުގެ ރެފިއުޖީންވެސް ވަރަށް ގިނައެވެ. މީގެތެރެއިން ބައެއް ސަބަބުތަކަކީ އިރާގުގެ ރެފިއުޖީންވެސް ޔޫރަޕަށް ހިޖްރަކުރުމުގެ ޝަރުތުތައްކަން ރެފުޖީންނާބެހޭ އދ. ގެ ހައިކޮމިޝަނުން ބުނެއެވެ. (އަލްޖަޒީރާ)