26 Sep 2015, 12:53
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކައުންޓަރަކާއި އެކު އައިޖީއެމްއެޗްގެ ލައިފް ސަޕޯޓް ފާމަސީ އަލުން ހުޅުވައިފި އެވެ.
ފާމަސީ އަލުން ހުޅުވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ލައިފް ސަޕޯޓް ފާމަސީގެ ޕްރޮޖެކްޓް މެނޭޖަރު އަބްދުﷲ މައުމޫނު ވިދާޅުވީ، ފާމަސީއަށް ގެނައި ބަދަލުތަކާ އެކު މިހާރު ލައިފް ސަޕޯޓް ފާމަސީން ފަރުވާ ހޯއްދަވާ ބޭފުޅުންނަށް ފާމަސީއެއްގެ އިހުސާސް ނުކުރެވި ފާމަސީން ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކައުންޓަރަކާއި އެކު އައިޖީއެމްއެޗްގެ ލައިފް ސަޕޯޓް ފާމަސީ އަލުން ހުޅުވާފައި -- ސަންފޮޓޯ -- ފާތިމަތު ސައީދު
ކުރިން ހިންގި ފާމަސީގައި ތިން ކައުންޓަރު އިންނަމަވެސް އަލުން ފާމަސީ ހުޅުވާފައިވަނީ ފަސް ކައުންޓަރާ އެކު އެވެ. މައުމޫނު ވިދާޅުވީ ކައުންޓަރުތައް އިތުރުވުމާ އެކު ހިދުމަތް ލިބޭލެއް އަވަސްވެފައި ކިއުގައި މަޑުކުރަން ޖެހޭ ވަގުތު ކުޑަވާނެ ކަމަށެވެ.
އެމަޖިންސީ ބަލިމީހުންނަށާއި ދުވަސްވީ މީހުންނަށް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ލައިފް ސަޕޯޓް ފާމަސީގައި ވަނީ ހާއްސަ ކައުންޓަރެއް ގާއިމް ގާއިމްކޮށްފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކައުންޓަރަކާއި އެކު އައިޖީއެމްއެޗްގެ ލައިފް ސަޕޯޓް ފާމަސީ އަލުން ހުޅުވާފައި -- ސަންފޮޓޯ -- ފާތިމަތު ސައީދު
" މިހާރު އަޅުގަނޑުމެން މިގެނައި ބަދަލަކީ މިތަން ފަސް ކައުންޓަރަށް ބަދަލު ކުރީ. އަދި މިނިމަމް ޓައިމްއެއްގައި ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ އުސޫލެއް މިގާއިމް ކުރީ. މީގެތެރެއިން އެއް ކައުންޓަރު ހާއްސަވާނެ އެމެޖެންސީ ހާލަތުގައި ބޭސް ބޭނުންވާ ފަރާތްތަކަށްވެސް" މައުމޫނު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ލައިފް ސަޕޯޓް ފާމަސީއަށް މިދިއަ އަހަރު ތެރޭގައިވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.