26 Sep 2015, 11:45
ހުޅުމާލޭ ބީޗް ސަރަހައްދުގައި ބިޔަރު ދަޅުތަކެއް ހިފައިގެން އުޅުނު ހަ މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހީން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރުގެ 4 ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ފުލުހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕެޓްރޯލް ކުރަމުން ދަނިކޮށް ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި ބަޔަކު ބަނގުރާ އެތެރެކުރަން ކުރަން އުޅޭކަމަށް ބެލެވިގެން އެމީހުންގެ ހަރަކާތްތަކަށް ފާރަލަމުން ދަނިކޮށް ކޮތަޅެއް ހިފައިގެން ދެމީހަކު ސައިކަލެއްގައި ދަނިކޮށް މަޑުކުރަން އެންގުމުން ބާރު ސްޕީޑުގައި ދުއްވާފައިގޮސް ފިލީ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެމީހުން ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން ފުލުހުން މަޑުކުރަން އެންގި ދެމީހުން އެވަގުތު ދުއްވަން އިން ސައިކަލް ހުޅުމާލެ ބީޗް ސަރަޙައްދުން ފެނުމާއެކު އެސަރަހައްދު ބަލައިފާސްކުރަނިކޮށް އެ 6 މީހުން ހައްޔަރުކުރެވިފައި ވަނީ އެރޭ 21:30 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މަސްތުގެ ހާލަތުގައި އެ ހަމީހުން ތިބިކަމަށް ޝައްކު ކުރެވިގެން އެމީހުން ތިބި ސަރަޙައްދު ބަލައިފާސްކުރިއިރު ނުކަނޑާހުރި ދެ ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ. އަދި އެސަރަޙައްދުން ކަނޑާފައިހުރި 2 ދަޅު ބިޔަރުގެ އިތުރުން ބިޔަރު ހުސްކޮށްފައިވާ 11 ދަޅު ފެނިފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.