ނިޔުޔޯކް (ސެޕްޓެމްބަރު 26): އެމެރިކާއާއި އީރާނުގެ ގުޅުންތައް ރަނގަނޅުވަމުންދާ ކަމަށާއި ނަމަވެސް އެ ދެފަރާތުގެ ދެމެދުގައި އިތުބާރު ވަރަށް ކުޑަކަމަށް އީރާނުގެ ރައީސް ހަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރެއްވުމަށް ޓަކައި ނިޔުޔޯކަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ރޫޙާނީ ވިދާޅުވީ، އެމެރިކާއިން އީރާނާމެދު ކުރިން ދެކެމުންދިޔަ އުދުވާނީ ގޮތްތަކަށް ބަދަލުތަކެއް އައިސްފައިވާކަމީ ފެންނަންއޮތް ހަގީގަތެއްކަމުގައެވެ. ނަމަވެސް ދެގައުމުގެ ގުޅުންތައް އާދައިގެ ހާލަތަކަށް ގެންދިޔުމަށް ކަޑަށްތު ކުރަންޖެހޭ ރާސްތާ އަދިވެސް ވަރަށް ދިގުކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ދެގައުމުގެ ދެމެދުގައި އިތުބާރު ވަރަށް ކުޑަކަމަށާއި އިތުބާރު ގާއިމްކުރުމަށް ވަގުތުބޭނުންވާކަމަށް ރޫޙާނީ ވިދާޅުވިއެވެ.

ރޫޙާނީ ވިދާޅުވީ، އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެމެދު ސޮއިކޮށްފައިވާ ނިއުކްލިއަރ އެއްބަސްވުމަކީ އީރާނާއި އީރާނުގެ ގުޅުންތައް ރަނގަނޅު ކުރުމަށްއޮތް ވަރުގަދަ އިމްތިޙާނެއް ކަމުގައެވެ. މި އިމްތިޙާނުން ދެގައުމު ފާސްވެއްޖެނަމަ "ކުރިޔަށްއޮތް ދަތުުރު ފަސޭހަވާނެ ކަމަށް" ރޫހާނީ ވިދާޅުވިއެވެ. މި އެއްބަސްވުމަށް އީރާނާއި އެމެރިކާ ސަރުކާރުން ތާއީދު ކުރިނަމަވެސް ދެގައުމުގެ ޕާލަމެންޓުން މި އެއްބަސްވުން އަދި ތަސްދީގު ކޮށްފައެއް ނުވެއެވެ.

ކޮންމެ ގައުމެއްގައިވެސް މި އެއްބަސްވުމަށް ދެކޮޅު ހަދަނީ ހަރުކަށި ވިސްނުމުގެ ސިޔާސީ ފަރާތްތަކެވެ. އެއީ އެމެރިކާގައި ނަމަ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހަރުކަށި ފަރާތްތަކެވެ. އީރާނުގައިނަމަ އީރާނުގެ އިންގިލާބީ ލަޝްކަރުތަކަށް ތާއީދުކުރާ ސިޔާސީ އަދި ދީނީ ފަރާތްތަކެވެ.

ނިއުކްލިއަރ އެއްބަސްވުމުގެ ސަބަބުން އެމެރިކާއާއި އީރާނުގެ ގުޅުންތައް ރަނގަނޅުވެ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވުމުގެ ފުރްސަތު އީރާނަށް ލިބިގެންދާނެއެވެ. މީގެބަދަލުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްޙަވެރި ޕްރޮގްރާމެއްކަމުގެ ޔަގީންކަމާއި އީރާނުން ނިއުކްލިއަރ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން އެމެރިކާއަށް ލިބިގެންދާނެއެވެ.

ކޮންމެ ގައުމެއްގެވެސް މި ފަދަ ހަރުކަށި ފަރާތްތަކަކީ ދެގައުމުގެ ގުޅުންތައް ގޯސްކޮށް އޮތުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އެއިން ސިޔާސީ އަދި އިގްތިސާދީ ނަފާ ހާސިލް ކުރާ ފަރާތްތައްކަމަށްވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)