26 Sep 2015, 09:52
ޖަޕާނުގައި ބާއްވާ ދުނިޔޭގެ ފެންވަރުގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ "ޖާޓާ ޓޫރިޒަމް އެކްސްޕޯ ޖަޕާން 2015"ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، މިމަހު 24 އިން 27 އަށް ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ "ޓޯކިޔޯ ބިގް ސައިޓް"ގައި ކުރިއަށް ގެންދާ، އަހަރަކު އެއްފަހަރު ބާއްވާ ފަތުރުވެރިކަމުގެ އެ ބިޔަ ހަފްލާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ އިތުރު ހަތް ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށެވެ.
ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ފޯރަމްތަކާއި، ވިޔަފާރީގެ ބައްދަލުވުންތަކާއި، ޓްރެވަލް ޝޯކޭސް އަދި އެވޯޑް ހަފްލާއެއްވެސް ހިމެނޭގޮތަށް ކުރިއަށް ގެންދާ މި ބިޔަ އެކްސްޕޯ މިހާރު ކުރިއަށް ގެންދަނީ ޖަޕާނުގެ "ޓަބީ ފެއާ"އާއި ޖާޓާ ގުޅިގެން "ޓަބިހަކު" ޓްރެވަލް ޝޯކޭސްގެ ގޮތުގައެވެ. އެގޮތުން މި ދެ ޖަމިއްޔާ ގުޅިގެން އެންމެ ފުރަތަމަ ފެއާއެއް ބާއްވާފައި ވަނީ މިދިޔަ އަހަރު އެވެ. 2014 ވަނަ އަހަރުގެ ޖާޓާ އެކްސްޕޯގައި 151 ގައުމަކުން 1129 ކުންފުންޏެއް ބައިވެރިވެރިވެފައި ވާއިރު، ކާމިޔާބު އެ އެކްސްޕޯއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 157,589 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައި ވެއެވެ.

"ޖާޓާ ޓޫރިޒަމް އެކްސްޕޯ 2015"ގައި ބަހައްޓާފައިވާ ދިވެހިރާއްޖޭގެ ސްޓޭންޑް -- ފޮޓޯ: އެމްއެމްޕީއާރުސީ
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލް ގިނަބަޔަކު އެއްތަނެއްގައި މިގޮތަށް ބައްދަލުވެ މާކެޓްތައް ޕްރޮމޯޓްކުރުމުގެ ފުރުސަތު ލިބުމުން ޖަޕާނުގެ އިތުރުން އެހެން ގައުމުތަކުގެ ފަތުރުވެރީންވެސް ރާއްޖެއަށް ޝައުގުވެރިކުރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ.
އެމްއެމްޕީއާރުސީން ބުނީ، ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން، ޖާޓާ 2015ގައި ބެހެއްޓިފައިވާ ރާއްޖޭގެ ސްޓޭންޑްގައި ވެސް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.
އެގޮތުން "ބިންގޯ ގޭމްސް" ނަމުގައި ކުރިއަށް ގެންދާ ހަރަކާތުން އެއްވަނައަށް އަންނަ ފަރާތަކަށް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުލިބޭނެއެވެ. އަދި ހަމަ އެހެންމެ އެ ފެއާ އާންމުކޮށް ހުޅުވާލާފައި ބާއްވާ އެންމެ ފަހު ދުވަހު، ރާއްޖޭގެ ސްޓޭންޑުގައި ޖަޕާނުގެ މިއުޒިޝަނުން ދިވެހި ލަވަތައް ހުށަހަޅައިދިނުން އޮންނާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
ޖަޕާނަކީ މީގެ ކުރީން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން އަންނަ 5 މާކެޓްގެ ކުރީގައި އުޅޭ ގައުމެކެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދު މިހާރު އަނެއްކާވެސް އިތުރުވަމުން އަންނަ ކަމަށާއި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން ޒިޔާރަތްކުރާ 10 މާކެޓްގެ ތެރޭގައި މިހާރުވެސް ޖަޕާން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

"ޖާޓާ ޓޫރިޒަމް އެކްސްޕޯ 2015"ގައި ބަހައްޓާފައިވާ ދިވެހިރާއްޖޭގެ ސްޓޭންޑް -- ފޮޓޯ: އެމްއެމްޕީއާރުސީ
ޖަޕާނުގެ ފަތުރުވެރީން ރާއްޖޭގައި އެންމެ އުފަލާއެކު ވަގުތު ހޭދަކުރަނީ ރާއްޖޭގެ ރީތި ކަނޑުތަކާއި ފަރުތައް ބެލުމަށް ފީނުމުގައި ކަމަށްވެއެވެ. އެގޮތުން ރާއްޖެއަށް "ފްރީ ވިސާ"ގައި ޖަޕާނު ފަތުރުވެރީންނަށް އެތެރެ ވެވުމާއި ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ދުނިޔޭގެ އެހެން ފަތުރުވެރިކަމުގެ މަންޒިލްތަކަށް ވުރެ ރާއްޖެއަށް އޮންނަ އެޑްވާންޓޭޖް ބޮޑެވެ.
އެމްއެމްޕީއާރުސީން ބުނީ، ޖާޓާ ޓޫރިޒަމް އެކްސްޕޯ ޖަޕާން 2015ގައި ރާއްޖެ ރަނގަޅަށް އިސްތިހާރު ކުރެވިއްޖެ ނަމަ، ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު އަނެއްކާވެސް ކުރިއެކޭ އެއްވަރަށް އިތުރު ވެގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.