ޗައިނާ އާއި ރާއްޖޭއާ ދެ ގައުމުން އަބަދުވެސް އެއް ގައުމު އަނެއް ގައުމަށް އިތުބާރުކޮށް އިޙްތިރާމް ކުރާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލް ޣަފޫރު ވިދާޅުވިއެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 43 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އޮލިމްޕަހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ ޗައިނާ އާއި ރާއްޖޭގެ ގުޅުން ދާނީ އިތުރަށް ވަރުގަދަވަމުން ކަމަށެވެ. އަދި ޗައިނާ އަކީ ރާއްޖޭގެ ތަރައްގީއަށް އެހީތެރިވި ގައުމެއް ކަަމަށް ވެސް އަދީބު ވިދާޅުވިއެވެ.

"ޗައިނާ އަކީ ރާއްޖޭގެ އެއްމެ ގާތް އެއް ގައުމު އަދި ރާއްޖޭގެ ތަރައްގީގައި އެއްމެ ބޮޑަށް އެހީތެރިވި އެއްގައުމު." އަދީބު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ޗައިނާގެ ފަންނާނުން ހުށަހަޅައިން ހަރަކާތްތައް ފަދަ ކަންތައްތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އެހީތެރިވެދޭނެ ކަަމަށް އަދީބު ވިދާޅުވިއެވެ.

ޗައިނާގެ އާދަޔާ ޚިލާފު ހަރަކާތްތަކެއް ދައްކުވާލަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާން ފޫކާން ދިވެހި ސަރުކާރާ އެކު ވަރަށް ގާތުން މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވިދާޅުވެ އަދީބު ވަނީ ސަފީރަށް ޝުކުރު ދަންނަވާފައެވެ.

ޗައިނާ އާއި ދިވެހި ރާއްޖޭގެ ސިޔާސީގުޅުމަށް 43 އަހަރު ފުރުމުން ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަން ފޫކާން ވާހަކަ ދައްކަވަނީ ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ޗައިނާގެ ސަގާފީ ހަރަކާތްތައް ވެސް ދައްކާލި ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާން ފޫކާން ވިދާޅުވީ ރޭ އޮލިމްޕަހުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ސަބަބުން ޗައިނާގެ ސަގާފަތް ދިވެހިންނަށް އެނގިގެންދާނެ ކަމަށެވެ. އަދި ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާ އާއި ދިވެހި ރާއްޖޭގެ ސިޔާސީގުޅުމަށް 43 އަހަރު ފުރުމުން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގެ ތެރެއިން ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ ޗައިނާ މީހުންނާއި ދިވެހިން ބައިވެރިވިއެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް އަދީބު ބައިވެރިވަޑައިގެންނެވީތީ ސަފީރު ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. އަދި އެ ރަސްމިއްޔާތުގެ އެކި ކަންކަމުގައި އެހީތެރިވެވަޑައިގެންފައިވާތީ ރާއްޖޭގެ ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ވެސް ޝުކުރު ދެންނެވިއެވެ.

ޗައިނާ އާއި ދިވެހި ރާއްޖޭގެ ސިޔާސީގުޅުމަށް 43 އަހަރު ފުރުމުން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޗައިނާގެ މިއުޒިކް ގެނެސްދެނީ ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި އައިޓަމްތައް ހުށަހަޅައި ދިނުމަށް ޗައިނާގެ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ.

ޗައިނާ އާއި ދިވެހި ރާއްޖޭގެ ސިޔާސީގުޅުމަށް 43 އަހަރު ފުރުމުން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގެ ތެރެއިން ސަން ފޮޓޯ/ ޔޫސުފް ސޮފްވާން