ހޮޓަލުގެ ސޭޓަކަށް އިނީ ދިވެހި އަންހެނެކެވެ. ސައިބުއިމަށްފަހު ބިލް ގެނައުމަށް ސޭޓުކައިރީ ބުނުމުން ސޭޓު އިޝާރާތްކޮށްލީ ކައިރީގައި ހުރި ބިދޭސީ މީހާއަށެވެ. އެ ބިދޭސީ މީހާ އަހަރެމެންގެ ބިލުގެ ތަފްސީލް އެހީ ބިދޭސީ ވެއިޓަރު ކުރެންނެވެ. އެއަށްފަހު ބިލް ހެދީ އެ ބިދޭސީ މީހާއެވެ. ބިލް އަހަރެންނާ ހަމައަށް ގެނެސްދިނީ ބިދޭސީ ވެއިޓަރެވެ. އަހަރެން ފައިސާ ދިނުމުން ފައިސާއާ ހަވާލުވީ ބިދޭސީ މީހާއެވެ. އުފެދޭ ސުވާލަކީ އެތަނުގެ ކައުންޓަރުގައި ބައިންދާފައި އިން ދިވެހި ކުއްޖާގެ ޒިންމާއަކީ ކޮބައިބާއެވެ.

މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކުގެ ކައުންޓަރުތަކުގައި ސޭޓުންގެ ގޮތުގައި ބިދޭސީން ބޭތިއްބުން މަނާ ކުރުމުން މިއީ އޭގެ ތެރެއިން ހަދާ މަކަރެއް ކަމަށް ބެލެވެއެވެ. ކައުންޓަރުގައި ބައިންދާ އެ ދިވެހި މީހާއަކީ ހަމައެކަނި ކަމާބެހޭ އިދާރާއަކުން އެތަނެއް ބަލަން އަންނައިރު އެބަޔަކަށް ދައްކަން ބައިންދާފައި އިންނަ މީހަކަށް އެވަނީ ވެފައެވެ. އަދިވެސް ހުރިހާ މަސްއޫލިއްޔަތެއް ހަވާލުކޮށްފައި އެވަނީ ބިދޭސީ މީހާއާ އެވެ. ހަގީގީ ސޭޓަކަށް އަދިވެސް ބަދަލެއް ނާދެއެވެ.

މިއީ ފަހަކަށް އައިސް އާންމުކޮށް ފެންނަ މަންޒަރެކެވެ. ގިނައިން ހޮޓާތަކުންނެވެ. ދިވެހި ސޭޓަކު ހުރި ނަމަވެސް ސޭޓަކު ނަގަން ޖެހޭ ހުރިހާ ޒިންމާއަކާއި ހުރިހާ މަސައްކަތެއް ކުރަނީ ބިދޭސީ މީހާއެވެ. ފައިސާގެ ހުރިހާ މުއާމަލާތެއް އޮންނަނީ އެ ބިދޭސީ މީހާގެ އަތްމައްޗަށް ދޫކޮށްލައިފައެވެ. އެދިވެހި ސޭޓަކީ ހަމައެކަނި ދައްކާލަން ބައިންދާފައި އިންނަ މީހަކަށް އެވަނީ ވެފައެވެ.

"ސޭޓެއްގެ ގޮތުގައި ދައްކާފައި އިންނަ ދިވެހިކުއްޖާ ކުރާ ކަމަކަށް އޮންނަނީ ހަމައެކަނި އިށީނދެ އިނުން. ހުރިހާ ކަމެއް ކުރަނީ ބަނގާޅީ {ބިދޭސީން}،" ހޮޓަލުން ފެންނަ މަންޒަރު ސިފަކޮށްދެމުން މީހަކު ބުންޏެވެ.

ހަމައެއާއެކު ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ޗެކްކުރާތީ ދުވާލު ވަގުތުތަކުގައި ދިވެހި ސޭޓުން އަދި ރޭގަނޑު ވަގުތު ތަކުގައި ބިދޭސީ ސޭޓުން ބައިތިއްބަން ވަނީ ފަށާފައެވެ. މިއީވެސް އޮޅުވާލުމުގެ އެޖެންޑާގެ ތެރެއިން ހިނގަމުން އަންނަ ކަންކަމެވެ.

ބިދޭސީން ސޭޓުންގެ ގޮތުގައި ބޭތިއްބުން ސަރުކާރުން މަނާ ކުރީ ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަށާއި ދިވެހިން އެފަދަ ވަޒީފާތަކަށް ނެރުމުގެ ބޭނުމުގައެވެ. ނަމަވެސް ކަންވާގޮތުން ދިވެހިންނަށް އެފުރުސަތު ނުލިބޭކަން މިދަނީ ފެންނަމުންނެވެ. ދިވެހިން ނަމެއްގައި ބައިތިއްބައިގެން އަދިވެސް ރަސްކަން މިކުރަނީ ބިދޭސީންނެވެ. ފެންނަ ފެނުމަށް އެހެން ބައިންދާ ދިވެހި މީހާއަށް ސޭޓެއްގެ މުސާރަ ދޭނެ ކަމަށްވެސް ނުބެލެވެއެވެ. ސަބަބަކީ އެ ޒިންމާ ގިނަ ވިޔަފާރިތަކުން ދިވެހިންގެ އަތްމައްޗަށް ދޫނުކުރާތީއެވެ.

"ވާގޮތަކީ އެމީހުންގެ ޒިންމާއެއް ނެތް. ހަމައެކަނި ތިބެން ޖެހެނީ. އަދިވެސް ރަސްކަން މިކުރަނީ ހަމަ ބިދޭސީން. ފިހާރަތަކަށްގޮސް ބެލީމަ އެގޭނެ. ހުރިހާ ކަމެއް ކުރަނީ އަދިވެސް ބިދޭސީން. ދިވެހިން ތިބެނީ ނަމެއްގައި،" ފިހާރަތަކުން ފެންނަ މަންޒަރު ކިޔައިދެމުން މީހަކު ބުންޏެވެ.

މިހާރު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ވިޔަފާރިތައް ހިންގާ ތަންތަނުގެ ކައުންޓަރުތަކުގައި ތިބެނީ ބިދޭސީންތޯ ބެލުމަށް އޮޕަރޭޝަންތައް ހިންގަމުންނެވެ. ނަތީޖާ އަކީ އެގޮތަށް ބަލާ ތަންތަނުގައި ދިވެއްސަކު ސޭޓެއްގެ ގޮތުގައި ފެންނަން އިނުމުން އެއީ ރަނގަޅަށް ހިނގާ ވިޔަފާރިއެއް ކަމަށް ބެލުމެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވިގޮތުގައި އެގޮތަށް "ނަމެއްގައި" ދިވެހިން ބައިތިއްބައިގެން ވިޔަފާރިތައް ހިންގާކަން ފާހަގަ ކުރެވިފައިވެއެވެ. އަދި އެ ޑިޕާޓްމަންޓުން ގެންދަނީ އެކަންކަން އިކޮނޮމިކް މިނިސްޓްރީއާ ހިއްސާކުރަމުން ނެވެ. މިހާރު އަމަލު ކުރަމުންދާގޮތަކީ ދިވެއްސެއް ސޭޓަކަށް އިނދެއްޖެ ނަމަ އެއީ ރަނގަޅަށް ހިނގާ ތަނެއް ކަމަށް ބަލަނީ ކަމަށް ހަލީލް ވިދާޅުވިއެވެ.

"ލާޖް ސްކޭލެއްގައި އަޅުގަނޑުމެންނަށް ކުރިއަށް ނުގެންދެވިގެން މިއުޅެނީ ލިމިޓެޑް ރިސޯސަސްތަކެއް މިއުޅެނީ،" ހަލީލް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ބިދޭސީންނަށް ސޭޓުންގެ ގޮތުގައި ނުތިބެވޭގޮތަށް ސަރުކާރުން ބަދަލު ކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމެވެ. ނަމަވެސް އުފެދޭ ސުވާލަކީ ނަމެއްގައި ދިވެހިން ބައިތިއްބައިގެން އެމަގުސަދު ހާސިލްވޭތޯއެވެ؟ ސޭޓުންގެ ޒިންމާ ދިވެހިންނަށް ހަވާ ލުނުކުރާއިރު އަދި ރޭގަނޑު ބިދޭސީ ސޭޓުން ބައިތިއްބާއިރު ސޭޓަކަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިވެހިންނަށް ދޭނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ނަމެއްގައި ދިވެހިން ސޭޓުންގެ ގޮތުގައި ބައިތިއްބާކަން ފާހަގަ ކުރެވޭއިރު އަދިވެސް ގިނަ ވިޔަފާރިތަކުގެ ސޭޓުންގެ ގޮތުގައި ބިދޭސީން ތިބުމަކީވެސް އާންމު ކަމެކެވެ. އެތައް ކެފޭ، ހޮޓަލަކާއި ފިހާރައެއްގެ ކައުންޓަރުގައި ސޭޓުންގެ ގޮތުގައި އެތައް ބިދޭސީންނެއް އެބަތިއްބެވެ.

ސޭޓުންގެ މައްސަލަ ބޮޑުވެފައިވާއިރު އެކަން ހައްލުކުރުމަށްވެސް ކަމާބެހޭ މުއައްސަސާތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެ މިނިސްޓްރީން މިހާތަނަށް މާލޭގެ 1104 ވިޔަފާރިއެއް ޗެކްކުރި އިރު އޭގެ ތެރެއިން 199 ތަނެއްގެ ކައުންޓަރުގައި ބިދޭސީން ތިބިކަން ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން ގިނަ ތަންތަން އިކޮނޮމިކް މިނިސްޓްރީން ވަނީ ޖޫރިމަނާކޮށް އެކަން އިސްލާހު ކުރުމަށް އަންގާފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ، އެހެން ފަހަރުތަކުގައި ދޫކޮށްލި ގޮތަށް މިފަހަރު އެ މިނިސްޓްރީން ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެ ކަމަށާއި ޖޫރިމަނާގެ އިތުރުން ހުއްދަ ބާތިލު ކުރަން ވެއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށެއެވެ. މާލޭގެ ފިހާރަތައް އެކި ދުވަހުގެ މަތިން ބަލައި ފާސް ކުރަމުންދާ އިރު އަތޮޅު ތެރޭ ފިހާރަތައް ވެސް ކައުންސިލްތައް މެދުވެރިކޮށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ތައުފީގް ވިދާޅުވި އެވެ.

ސަރުކާރުގެ މަގުސަދަކީ ދިވެހިންނަށް އިތުރު ވަޒީފާ ހޯދައިދީ ވިޔަފާރިތަކުގެ ފައިސާގެ މުއާމަލާތްތައް ދިވެހިން ލައްވައި ކުރުން ކަމަށްވީ ނަމަވެސް އެމަގުސަދު އެންމެ ފުރިހަމައަށް ހާސިލްވާ ކަމަކަށް ނުފެނެއެވެ. އޮޅުވާލުމުގެ ތެރެއިން މިފެންނަ މަންޒަރަކީ ނަމެއްގައި ދިވެހިން ތިބެ އެކަން ކުރުމަށް ބިދޭސީން ތިބޭ ތަނެވެ.