މިމަހުގެ 27 ވަނަ ދުވަހުގެރޭ ފެންނާނެ ކަމަށް ނާސާއިން ބުނެފައިބާ "ރަތް ހަނދުކޭތަ" އާއި ގުޅިގެން ރާއްޖޭގެ ހުރިހާސަރަހައްދަކަށްވެސް އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރުން ބުނެފި އެވެ.

ރަތް ހަނދުކޭތައާއި ގުޅިގެން ދުނިޔޭގެ ގިނަ ހިސާބުތަކަށް ދިޔަވަރުބޮދުވެ އުދައަރާނެކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފަ އެވެ.

އުދައެރުމާއިގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް މިރޭ ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މީޓްރިއޮލިޖިކަލް ސެންޓަރުގެ ޑިރެކްޓަރ އަބްދުލް މުހުސިން ރާމިޒް ވިދާޅުވީ މާދަމާ ރެއިން ފެށިގެން 30 ވަނަ ދުވަހާއި ހަމައަށް ދިޔަ ބޮޑުވެ އޮއި ބާރުވެގެންދާނެ ކަމަށެވެ.

މޫސުމުގެ ސަބަބުންވެސް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް މުހުސިން ވިދާޅުވި އެވެ. އެގޮތުން ވައިގަދަވެ ވިއްސާރައިގެ ސަބަބުންވެސް އުދައިގެ އަސަރުކުރުމުގެ ފުރުސަތު ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މުހުސިން ވަނީ ވިދާޅުވެފަ އެވެ.

އުދައެރުމާއިގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް މިރޭ ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ -- އަލީ ނަސީރު

ރަތް ހަނދުކޭތަ ހިފާގަޑިއެއްކަމަށް މުހުސިން ފާހަގަކުރެއްވީ 27 ވަނަދުވަހުގެރޭ ފަތިހު 5:11 އެހާކަންހާއިރު އެވެ. އަދި އޭރު ރާއްޖެއަށް ހަނދު އޮއްސުމާއި ގާތްވެފައިވާނެތީ ރަތްހަނދު ރާއްޖެއަށް ފެނުމުގެ ފުރުސަތު ކުޑަކަމަށް މުހުސިން ވިދާޅުވި އެވެ. ކޭތަ މުޅިން ވީއްލާގަޑިއެއްކަމަށް މުހުސިން ފާހަގަކުރެއްވީ ރާއްޖެގަޑިން 10:11 އެހާކަންހާއިރު އެވެ.

މެޓް އޮފީހުގެ އެސިސްޓެންޓް މީޓްރިއޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

އުދައެރުމާއިގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް މިރޭ ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ -- އަލީ ނަސީރު

ވަހީދު ވިދާޅުވީ ކަނޑުގައި ދެބާނީ ދޭތެރޭގައި އާންމުކޮށް 10 ސިކުންތަށްވުރެ ދަށްވާން ޖެހޭނެ ކަމަށާއި، 11 އާއި 13 ސިކުންތަށް ދެބާނި ދޭތެރޭގެ ދިގުމިން ހުރެއްޖެނަމަ އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އުދައެރުމާއި ބެހޭގޮތުން މިރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ޑިފެންސް އެންޑް ނެޝަނަކް ސެކިއުރިޓީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމް ވިދާޅުވީ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ފަރުދީ ފެންވަރުގައާއި ރަށުފެންވަރުގައި ސަމާލުވާން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި ހާއްސަކޮށް މީގެކުރިންވެސް މޫސުމީކޮށް އުދައަރާ ރަށްރަށުގެ ރައްޔިތުން ސަމާލުވުމަށް ތަސްނީމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އުދައެރުމާއިގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް މިރޭ ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ -- އަލީ ނަސީރު

ތަސްނީމް ވިދާޅުވީ އުދައަރާނެކަމަށް ލަފާކުރެވުނު ނަމަވެސް އުދަނާރަވެސް ހިނގައިދާނެ ކަމަށާއި އެހެންކަމުން އެއްވެސް ހާސްކަމެއް ނެތި ތައްޔާރީ ފިޔަވަޅުތަށް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރަށުފެންވަރުގައި ކައުންސިލުތަކުން ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި އިރުޝާދުތައް ދެއްވުމަށް ވިދާޅުވި އެވެ.

ރަށު ފެންވަރުގައި އެޅިދާނެ ފިޔަވަޅުތައް

  • ރައްޔިތުންނަށް އުދައަރާކަން އެންގުން
  • ރައްޔިތުންނަށް އަވަސް އެހީތެރިކަން ފޯރުކޮށް ދިނުން
  • ރަށުގައި ހުރި އަސާސީ މުހިންމު ހިދުމަތްދޭ ތަންތަން ރައްކާތެރިކުރުން
  • ރަށުން ލިބެން ހުރި ކާޑުގެ ބާވަތާއި ބޭސް އަދި ފެން ލޮނުގެ އަސަރު ނުފޯރާނެހެން ރައްކާތެރި ކުރުން
  • ރަށަށް އަރާ ލޮނު ވީހާވެސް އަވަހަށް ހިންދުމަށް މަސައްކަތް ކުރުން

ތަސްނީމް ވިދާޅުވީ ރަށުތެރެއަށް ކުނިތަށް ފެރުނަނުދީ ރައްކާތެރި ކުރެވޭނެގޮތެއް ގޮތަށް މަސައްކަތް ކުރުމަށް ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

ފަރުދީ ފެންވަރުގައި އެޅިދާނެ ފިޔަވަޅިތައް

  • އުދައަރާނަމަ ރައްކާތެރި ތަނެއްގައި ތިބުން
  • ކުޑަކުދިން އުދަބަލަން ދިޔަ ނުދީ ރައްކާތެރި ސަރަހައްދެއްގައި ބޭތިއްބުން
  • ރެސްޓޯރެންޓް ފިހާރަފަދަ ތަންތަން އުދައިން ރައްކާތެރި ކުރުން

ހާއްސަކޮށް މާލޭގައި އުޅޭ ފަރާތްތަކުން ކާނިވާ ސަރަހައްދުގައި މިދުވަސްކޮޅު ވެހިކަލް ޕާކުކޮށްފައި ނުބެހެއްޓުމަށް ތަސްނީމް ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި އެސަރަހައްދުގައި ހުރި ކެފޭ ރެސްޓޯރެންޓުތަކުންވެސް އުދައަރާފާނެކަމަށް ވިސްނައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުންވެސް އުދައަރާފާނެ ކަމަށްވިސްނައި ސަމާލުވުމަށް އެދިލައްވާ ކަމަށެވެ. އަދި ފަޅުތަކުގައި އަޅާފައި ހުއްނަ އުޅަނދުތަކަށްވެސް ސަމާލުކަންދީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށާއި، އެހެލާފައި ހުއްނަ އުޅަދުތައް ހަރުކުރަން ލައްކޮށްފައި ހުއްނައި ލަކުޑި ބުރި ބުރި ވެއްޓިދާނެ ކަމަށްވެސް ވިސްނަން ޖެހޭ ކަމަށެވެ.