25 Sep 2015, 17:51
އެމެރިކާގެ 12 އަހަރުގެ ކުޑަކުއްޖަކު އެ ގައުމުގެ ފުރަތަމަ މުސްލިމު ރައީސަށް ވާނެ ކަމަށް ބުނެ، ރިޔާސީ ރޭހުގައި މިހާރު ވާދަކުރަމުން އަންނަ ކެންޑިޑޭޓު ބެން ކާސަން އަށް ވަރުގަދަ ބަހުގެ ހަމަލާ އެއް ދީފި އެވެ.
މި ބަހުގެ ހަމަލާ ދީފައި ވަނީ އެމެރިކާގެ މިނެސޯޓާ އަށް ނިސްބަތްވާ ޔޫސުފް ދާޔާ ނަމަކަށް ކިޔާ ކުއްޖެކެވެ. ޔޫސުފް މި ބަހުގެ ހަމަލާ ބެން ކާސަން އަށް ދީފައި މި ވަނީ، އެމެރިކާގެ ރައީސް ކަމުގެ މަގާމަށް މުސްލިމަކު އަންނަން ތާއީދު ނުކުރާ ކަމަށް ބެންކާސަން ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ.
ޔޫސުފުގެ ވަރުގަދަ ވީޑިއޯ މެސެޖް ވަނީ ފޭސްބުކް އާއި ޔޫޓިއުބް މެދުވެރިކޮށް ޔޫސުފް ގެ މަންމަ ޝުކްރީ އަބޫކަރް އެންމެނާ ހިއްސާ ކޮށްފައެވެ.
"އަޅުގަނޑު އެމެރިކާގެ ފުރަތަމަ މުސްލިމު ރައީސަށް ވާނަން،" ހޯމަ ދުވަހު އާންމުވެގެންދިޔަ ވީޑިއޯ މެސެޖު މެދުވެރިކޮށް ޔޫސުފް ބުންޏެވެ. "އަދި ތިބޭފުޅާ އަށް ފެންނާނެ އަޅުގަނޑު ރައީސަކަށް ވެގެން ހުރިހާ ދީނެއްގެ، ހުރިހާ ނަސްލެއްގެ މީހަކަށްވެސް އިހުތިރާމް ކުރާ ތަން."
ޔޫސުފް ގެ ބައްޕަ ހަސަން މުހައްމަދު "އޭބީސީ" އަށް ދިން އިންޓަވިއު އެއްގައި ބުނިގޮތުގައި އޭނާގެ ދަރިފުޅު އެ ވީޑިއޯ ތައްޔާރު ކުރީ ބެން ކާސަން އެމެރިކާގެ ރައީސަކަށް މުސްލިމަކު ހުރުމަށް ތާއިދު ނުކުރާ ވާހަކަ އަޑު އިވުމުންނެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓަކަށް ވާދަކުރަމުން އަންނަ ބެން ކާސަން "އެންބީސީ" ގެ "މީޓް ދަ ޕްރެސް" ކިޔާ ޕްރޮގްރާމަކަށް މިދިޔަ އާދީއްތަ ދުވަހު ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި މުސްލިމަކު އެމެރިކާގެ ރައީސްކަން ކުރުން އެއީ އޭނާ އެއްގޮތަކަށްވެސް ތާއިދު ކުރާ ކަމެއް ނޫނެވެ.
"އަހަންނަށް ފެންނަ ކަމެއް ނޫން މުސްލިމަކު މި ގައުމުގެ ވެރިޔަކަށް ބެހެއްޓުން،" ބެން ކާސަން ބުންޏެވެ. "މިއީ ކަނޑައެޅިގެން އަހަރެންގެ ތާއިދު އޮތް ކަމެއް ނޫން."
ހަސަން ބުނި ގޮތުގައި އޭނާގެ ދަރިފުޅު "ކަނޑައެޅިގެން" ބެން ކާސަންއާ ހިޔާލު ތަފާތެވެ. އަދި ބެން ކާސަން އަށް ރައްދު ދީ ޔޫސުފް ދިން މެސެޖުގެ ސަބަބުން އުފާވާ ކަމަށް ވެސް ޔޫސުފްގެ ބައްޕަ ބުންޏެވެ.
ޔޫސުފްގެ ވީޑިއޯ މެސެޖް ފުރަތަމަ ފައްޓަނީ ބެން ކާސަން އަށް ނިސްބަތްކޮށް ކުރާ ސުވާލު ތަކަކުންނެވެ.
"މިސްޓަރ ކާސަން، މީހަކު ތިބޭފުޅާ ކައިރީ ތިބޭފުޅާގެ ހަމުގެ ކުލައިގެ ސަބަބުން ރައީސަކަށް ނުވެވޭނެ އޭ ބުނެފި ނަމަ ކުރައްވާނީ ކީއްތޯ؟" ޔޫސުފް ސުވާލު ކުރިއެވެ. "މީހަކު ތިބޭފުޅާ ކައިރީ ތިބޭފުޅާގެ ނަސްލުގެ ސަބަބުން ރައީސަކަށް ނުވެވޭނެ އޭ ބުނެފި ނަމަ ކުރައްވާނީ ކީއްތޯ؟ މީހަކު ތިބޭފުޅާ ކައިރީ ތިބޭފުޅާ ގަބޫލު ކުރާ ގަބޫލުކުރުމުގެ ސަބަބުން ރައީސަކަށް ނުވެވޭނެ އޭ ބުނެފި ނަމަ ކުރައްވާނީ ކީއްތޯ؟ އެއީ ތިބޭފުޅާ އަޅުގަނޑަށް ހެއްދެވި ގޮތް."
ޔޫސުފް ބުނި ގޮތުގައި ރައީސަކަށް ވުމަކީ އޭނާ ހަނދާން ހުންނަން ފެށީއްސުރެ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި ބެން ކާސަން ވަނީ މުސްލިމަކު އެމެރިކާގެ ރައީސްކަން ކުރުމަށް ނުފެންނަ ކަމަށް ބުނެ އޭނާގެ ހުވަފެންތައް "ކުދިކުދި" ކޮށްލާފަ އެވެ.
"މީހުން ކިޔާނެ ކަޅު ނަސްލުގެ މީހަކަށް ވެސް ރައީސް ކަމެއް ނުކުރެވޭނެ އޭ. އަޅުގަނޑަކީ ކަޅު ނަސްލުގެ މީހެއް. އަދި މުސްލިމެއް ވެސް މެ. އަޅުގަނޑު އެ ފާރު ގިރާކުރާނަން. އަޅުގަނޑު އެމެރިކާގެ ފުރަތަމަ މުސްލިމު ރައީސަށް ވާނަން."
ޔޫސުފް ގެ މެސެޖާ އެކު ބެން ކާސަން އަށް ކިޔަމުންދިޔަ ފާޑުކިޔުންތައް ވަނީ އިތުރު ވެފައެވެ. އޭނާ ވަނީ ފަހުން ވާހަކަ ބަދަލުކޮށް، މުސްލިމަކު ރައީސްކަން ކުރުމުން މައްސަލަ އެއް ނެތް ކަމަށް ބުނެފައެވެ.
ޔޫސުފް ގެ މެސެޖަށް ފަހު "އޭބީސީ" އަށް ދިން އިންޓަވިއު އެއްގައި ވާހަކަ ލިޔުންތެރިއެއް އަދި ކުރީގެ ނިއުރޯސާޖަން އެއް ކަމަށްވާ ބެން ކާސަން ބުނިގޮތުގައި މުސްލިމަކު ރައީސްކަން ކުރުމުން މައްސަލަ އެއް ނެތެވެ. ނަމަވެސް އެފަދަ މީހަކު ޖެހޭނީ ކީރިތި ޤުރުއާނަށް ވުރެ އެމެރިކާގެ ޤާނޫނު އަސާސީ އިސްކުރާށެވެ.