25 Sep 2015, 16:03
އެމެރިކާގެ ލޮސް އެންޖަލްސްގެ ބެވަލީ ހިލްސްގެ ގެއެއްގެ ތެރޭގައި އަންހެނަކު ލައްވައި ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ސައުދީ އަމީރަކު ހައްޔަރުކޮށްފި އެވެ.
ރޮއިޓަސްއާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ، އުމުރުން 28 އަހަރުގެ ސައުދީ އަމީރު މަޖީދު އަބްދުލް އަޒީޒް އަލް- ސައުދު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރުމަށް ފަހު ޖެހިގެން އައިދުވަހު، 300,000 އެމެރިކާ ޑޮލަރުގެ ބޮންޑެއްގެ ދަށުން ދޫކޮށްލާފައި ވާކަމަށް، ފުލުހުންނާއި ޖަލުގެ އޮންލައިން ރެކޯޑްތަކުން ފެންނަން އޮތްކަމަށެވެ.
ލޮސްއެންޖަލްސް ޕޮލިސް ޑިޕާޓްމަންޓުގެ ސްޕެޝަލް ކޮންސަލް ޑިވިޝަނާ ހަވާލާދީ ލޮސްއެންޖަލް ޓައިމްސްއާއި ކޭސީބީއެސް ޓީވީން ބުނެފައި ވަނީ، މި މައްސަލައިގައި ސައުދީ އަމީރު ޑިޕްލޮމެޓިކް އިމިއުނިޓީ ހޯއްދަވާފައި ނުވާ ކަމަށެވެ.
ބެވަލީ ހިލްސްގެ އެންމެ އަގުބޮޑު ސަރަހައްދުން ސައުދީ އަމީރު ބައްލަވައިގެންފައިވާ، 37 މިލިއަން ޑޮލަރުގެ އަގުބޮޑު ގެއަށް ފުލުހުން ވަދެފައި ވަނީ، ލެއިން ތަތްތެޅިފައިވާ އަންހެނަކު ސަލާމަތަށް އެދި ރޮއި އާދޭސްކުރާ މަންޒަރު އަވަށްޓެރިއަކަށް ފެނިގެން ރިޕޯޓްކުރުމުން ކަމަށް ވެއެވެ.
ކޯޓް ރެކޯޑް ތަކުން ދައްކާގޮތުން އޮކްޓޫބަރު 19 ވަނަ ދުވަހު، ސައުދީ އަމީރު ކޯޓަށް ހާޒިރުކުރާނެއެވެ.
ރޮއިޓާސް އިން ބުނެފައި ވަނީ އެ ހާދިސާއާ ގުޅިގެން ސައުދީ އަމީރު މަޖީދު އަބްދުލް އަޒީޒަށް ފޯނުން ގުޅޭތޯ މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވާ ކަމަށާއި އަމީރުގެ އެޓާނީއަކީ ކާކުކަން ވެސް އަދި ނޭނގޭ ކަމަށެވެ.