ދެހާސް ވިހި ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކްސް އަށް އަޅާ ސްޓޭޑިއަމް އެޅުމަށް ވާންޖެހޭ ތައްޔާރީތަކުގެ މައްސަލާގައި ޖަޕާންގެ ސްޕޯޓްސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި ކަމަށް އޭޕީ އިން ބުނެފިއެވެ.

ސްޕޯޓްސް މިނިސްޓަރު ޝިމޯމުރާ މިއަދު ވިދާޅުވީ، މާގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ހެދިފައިވާ ގޯސްތަކުގެ ޒިންމާ ނަންގަވާ ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރަށް ދިމާވި ގޮންޖެހުންތަކުގެ ތެރޭގައި އޮލިމްޕިކްސް އަށް ޚާއްސަކޮށްގެން އަޅާ ސްޓޭޑިއަމް އަޅަންދާނެ ޚަރަދު ކުރިން ލަފާކުރިވަރަށް ވުރެ ދެ ގުނަ ބޮޑުވުން ހިމެނޭ ކަމަށް ބީބީސީން ބުނެއެވެ.

އެ ސްޓޭޑިއަމް އަޅަން ދެ ބިލިއަން ޑޮލަރު ޚަރަދުވާނެ ކަަމަށް ބީބީސީން ބުނެއެވެ. އަދި އެ ޑިޒައިންގެ ޝޭޕަށް ވެސް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

ޖަޕާނުން އަޅަން ނިންމާފައިވާ ސްޓޭޑިމް ދައްކުވައިދޭ ކުރެހުމެއް. މި ޑިޒައިން އަށް އިމާރަތްކޮށްފިނަމަ ޚަރަދު ވަރަށް ބޮޑުވާނެ ކަމަށް ބީބީސީން ބުނޭ -- ފޮޓޯ: ބީބީސީ

ޝިމޯމުރާ ވިދާޅުވީ، ސްޓޭޑިއަމް ޑިޒައިންކުރާ ގޮތުން އިމާރާތްކުުރުމުގެ ޚަރަދު އިތުރުވާނެ ކަމުގެ މައުލޫމާތު ލިބުނީ މިއަހަރުގެ އެޕްރީލް މަހު ކަމަށެވެ.

" އެހެންކަމުން އަހަރެން ނިންމާފައި ވަނީ އެޕްރީލް މަހުން ފެށިގެން ފާއިތުވި ހަ މަސްދުވަހު ލިބުނު މުސާރަ އަނބުރާ ( ސަރުކާރަށް) ދައްކަން،" އޭނާ ވިދާޅުވިއެވެ.

އާ ޑިޒައިނެއް ފައިނަލް ކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރުގެ ކުރިން ނިންމާނެ ކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެ ސްޓޭޑިއަމްގެ ހުރިހާ މަސައްކަތެއް 2020 އާއި ހަމައަށް ނިންމިދާނެ ކަމާއި މެދު ސުވާލު އުފައްދާފައެވެ.