ރިޔާޟް (ސެޕްޓެމްބަރު 26): މިނާގައި ހަތްސަތޭކައަށްވުރެ ގިނަ ހައްޖުވެރިން ފިތިގެން މަރުވި ޙާިދސާއާ ގުޅިގެން، ހައްޖުގެ ކަންތައްތައް ބެލެހެއްޓުމުގައި ސައޫދީ ސަރުކާރުން ގެންގުޅޭ ނިޒާމުތަކާއި ޕްލޭންތައް އަލުން ބަަލައި މުރާޖައާ ކުރުމަށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ގޮވާލައްވައިފިއެވެ.

ސައޫދީ ރަސްގެފާނު މިކަމަށް ގޮވާލައްވާފައިވަނީ މިނާގައި އެތަށް ސަތޭކަ ޙާޖީއެއް މަރުވި ޙާދިސާގެ ޒިންމާ ސައޫދީ ސަރުކާރުންވެސް އުފުލަންޖެހޭކަމަށް ވިދާޅުވެ އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ސައޫދީ ސަރުކާރަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ. ޚަމަނާއި ވަނީ މި ހިތާމަވެރި ހާދިސާ ދިމާވީ ހައްޖުވެރިންގެ ކަންތައް ބަލަހައްޓަން ޖެހޭ ފުރިހަމަގޮތުގައި ސައޫދީ ސަރުކާރަށް ނުބެލެހެއްޓިގެންކަމަށް ސިފަކުރައްވާފައެވެ. އަދި ހައްޖުގެ ކަންތައްތައް ބެލެހެއްޓުމުގައި ސައޫދީ ސަރުކާރުން ގެންގުޅޭ އިދާރީ ނިޒާމްތައް ކަމުނުދާކަން މިފަދަ ޙާދިސާތައް ތަކުރާރުވަމުންދާ ދިޔުމުން ހާމަވާކަމަށްވެސް ޚަމަނާއި ވިދާޅުވިއެވެ.

ހައްޖުގެ ކަންތައްތައް ބެލެހެއްޓުމުގައި ސައޫދީ ސަރުކާރުން ގެންގުޅޭ ނިޒާމުތަކާއި ޕްލޭންތައް އަލުން ބަަލައި މުރާޖައާ ކުރުމަށް ސައޫދީ ރަސްގެފާނު ގޮވާލައްވާފައިވަނީ ސައޫދީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައެވެ. މިމައްސަލާގައި އީރާނުގެ މަސްއޫލުވެރިން ކޯފާވެފައިވަނީ މިނާގެ ޙާދިސާގައި އީރާނުގެ 43 ހާޖީއަކު މަރުވެފައިވާތީއާއި އީރާނާއި ސައޫދީ އަރަބިޔާއާ ދެމެދުގައިވާ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ކަމަށްވަނީ ބެލެވިފައެވެ.

މައްކާގެ ހަރަމްފުޅަށް ކެރޭން ވެއްޓުމުގެ ޙާދިސާގައިވެސް އީރާނުގެ 7 ހާޖީއަކު މަރުވެފައިވެއެވެ.

މިނާގެ ހިތާމަވެރި ޙާދިސާގެ ޒިންމާ ސައޫދީ ބައެއް މަސްއޫލުވެރިން އަޅުވާފައިވަނީ ހައްޖުވެރިން އަމަލުކުރަންޖެހޭ ގަވައިދުތަކަށް އަމަލު ނުކުރާ ހައްޖުވެރިންގެ ބޮލުގައެވެ.

ސައޫދީ އަރަބިޔާގެ ސިއްޙަތާބެހޭ ވަޒީރު ވިދާޅުވިގޮތުގައި މިނާގެ ޙާދިސާގެ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ ޖަމްރާތަކަށް ހިލަ އުކުމަށް ޓަކައި ދާން އޮންނަ މަގުތަކުގައި ހިނގައި ބިނގައި ވުމަށާއި ހަރަކާތްތެރިވުމަށް އޮންނަ ގަވައިދުތަކާއި އުސޫލުތަކަށް ހައްޖުވެރިން ގެ ތެރެއިން ބައެއް މީހުން އަމަލު ނުކުރުން ކަމުގައެވެ. ނަމަވެސް މިނާގެ ޙާދިސާ ހިނގައިދިޔަގޮތުގެ ހަގީގަތް ރަނގަނޅަށް އެނގޭނީ މިކަމާބެހޭ ތަހްގީގްތައް ކުރުމަށްފަހު ލިބޭ ނަތީޖާއަކުން ކަމަށް ސައޫދީ ދާޚިލީ ވުޒާރާއިން ބުނެއެވެ.

ސައޫދީ ރަސްގެފާނާއި ވަލީއުލްއަހްދު އިއްޔެވަނީ މިނާގެ ހާދިސާ ފުރިހަަމައަށް ތަހްގީގް ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި ސައޫދީ ވަލީއުލްއަހްދުގެ ބެއްލެވުމުގެ ދަށުން ތަހްގީގް ކޮމިޓީވެސް މިހާރުވަނީ އެކުލަވާލައްވާފައެވެ.

މިނާގެ ޙަދިސާ ހިނގުމުގެ ދިހަވަރަކަށް ދުވަސްކުރިން މައްކާގެ ހަރަމްފުޅަށް ބިޔަ ކެރޭނެއް ވެއްޓުމުގެ ސަބަބުންވެސް ހައްޖުވެރިންގެ 107 މީހުން މަރުވެ ދުއިސައްތައަށްވުރެ ގިނަ ހައްޖުވެރިންވަނީ ޒަޚަމްވެފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ހޯދުމުގެ ތަހްގީގްތައްވެސްް ސައޫދީ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފަށާފައެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި ހިނގާ އެކިއެކި ޙާދިސާތަކުގައި ގިނައަދަދެއްގެ ހައްޖުވެރިން މަރުވެ އަދި ޒަޚަމްވުމަކީ ކުރީއްސުރެވެސް ހިނގަމުންދާ ޙާދިސާތަކެވެ. ނަމަވެސް މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިން ގިނަ އަދަދަކަށް މަރުވާ ހާދިސާތަކެއް އެއްފަހަރަށް ވުރެ ގިނަ ފަހަރަށް ތަކުރާރުވެގެން ދިޔުމުން ހައްޖުވެރިންގެ ކުރިމަތީގައާއި އިސްލާމީ ދުނިޔޭގެ ކުރިމަތީގައި ސައޫދީ ސަރުކާރުވަނީ ވަރަށް ލަދުވެތިވެފައެވެ. (ނޫސްއެޖެންސީތައް)