ރާއްޖޭގެ ޝަރުއީ ނިޒާމް ވަނީ ކޮރަޕްޓްވެފައި ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަށް މިނިވަންކުރާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނުގެ ދަރިކަނަބަލުން މީރާ ލައިލާ ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި މިހާރު ކުރިއަށް ދާ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ގައި ވާހަކަދައްކަވަމުން މީރާ ވިދާޅުވީ ބައްޕާފުޅު ނަޝީދާ ދެކޮޅަށް ދިވެހި ދައުލަތުން އުފުލީ ހަމައެކަނި ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމް އޮތީ ކޮރަޕްޓްވެފައި ކަމަށާއި ބައްޕާފުޅުގެ މުޅި ޝަރީއަތުގައި ވެސް، ހައިރާންވާ ވަރަށް، އުސޫލްތަކާ ޚިލާފަށް ކަންކަން ހިނގާފައިވާ ކަަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ސަލާމަތާ މެދު ކަންބޮޑުވާކަމަށް އެމަނިކުފާނުގެ އާއިލާއިން ވިދާޅުވާ ވިދާޅުވުން މީރާ ވެސް ތަކުރާރުކުރެއްވިއެވެ. އަދި ރައީސް ނަޝީދަކީ ބައްޕައެއްގެ އިތުރުން ގާތް އެކުވެރިއެއްގެ ގޮތުގައިވެސް މީރާ ސިފަކުރެއްވިއެވެ. މީރާގެ އުއްމީދަކީ ބައްޕާފުޅު ވީހާވެސް އަވަހަށް ޖަލުން މިނިވަންވުން ކަަމަށް ވެސް ވިދާޅުވިއެވެ.

އދ. ގެ ވޯކިން ގްރޫޕް އާބިޓްރަރީ ޑިޓެންޝަން އަށް ހުށަހަޅާފައިވާ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ވަކާލާތުކުރުމަށް ޝެރީ ބްލެއާ ހަމައްޖައްސާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އދ. ގެ ވޯކިން ގްރޫޕުން އިންސާފުވެރި ނިންމުމެއް ނިންމާނެ ކަަމަށް އުއްމީދުކުރައްވާ ކަމަށްވެސް މީރާ ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ޔޫއެން ވޯކިން ގްރޫޕުން ދެފުށް ފެންނަ އަދި އިންސާފުވެރި ނިންމުމެއް ނިންމާނެ ކަމަށް. އަދި އަޅުގަނޑު އުއްމީދުކުރަން ދިވެހި ސަރުކާރުން އެ ނިންމުމަށް އިހްތިރާމްކޮށް ތަބާވާނެ ކަމަށް ވެސް،" މީރާ ވިދާޅުވިއެވެ.

މީރާ އދ. ގައި ވާހަކަދައްކަވާފައި ވަނީ އިންސާނީ ހައްގުތަކާއި ގައިދީންގެ ހައްގުތަކަށް މަސައްކަތް ކުރާ "ފްރީޑަމް ނައު" ޖަމްއިއްޔާ އިން ދިން ފުރުސަތެއްގައެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.