26 Sep 2015, 09:00
ލޯތްބަކީ ވަކި ޖިންސަކަށް ވަކި އުމުރަކަށް އޮންނަ އެއްޗެއް ނޫނެވެ. ލޯބި ހޯދަން ގިނަ ބަޔަކު އެތައް ގުރުބާނީތަކެއް ވާއިރު، ލޯތްބަކީ ވާއެއްޗެއް ކަން ގަބޫލުކުރަން ދަތި މީހުން ވެސް މަދެއް ނޫނެވެ. ގިނަ ބަޔަކު ބުނެއުޅެވެ. ހަގީގީ ލޯތްބެއް މަރެއް ނުވާނެ އެވެ.
އުމުރުން ދުވަސްވެ ބަލި އެނދުގައި އޮވެ ފަހު ނޭވާތައް ގުނަމުންދާ ލޯބިވާ އަނބިމީހާއަށް ފިރިމީހާ ލޯބީގެ ލަވައެއް ކިޔައިދޭ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ވީޑިއޯގެ ސަބަބުން ގިނަ ބައެއްގެ ހިތްތައް ވަނީ ރޮއްވާލާފައެވެ. އެތައް ބައެއްގެ ހިތްތަކުގައި ލޯތްބައް އިތުބާރު އުފައްދައިދެމުންނެވެ.
ހޮވާޑް، 92 އަދި ލައުރާ، 93 ހަޔާތުގެ ދުވަސްތައް އެކުގައި ހޭދަކުރާތާ މިހާރު 73 އަހަރުވެއްޖެ އެވެ. ނަމަވެސް މިއަދު ލައުރާ އޮތީ ބަލި އެދުގައެވެ. އޭނާ އަށް ހިތްވަރު ދިނުމަށް ހޮވާޑް ކިޔައިދިނީ، އެ ދެމަފިރިންނަށް އެންމެ ރީތި ލަވައެވެ.
މީހެއްގެ އެހީގައި އެނދު ކައިރީގައި ކޮޅަށްހުރެ ލައުރާގެ މޫނުގައި ފިރުމަމުން އަޑުއިވުމުގެ އުނދަގޫތަކެއްހުރި ހޮވާޑް ލަވަކިޔައިދިން އިރު، ހިޔަންޏާއި އަލިކަން އެކަނި ފެންނަ ލައުރާގެ ވަރުދެރަ ކަމުން ލަވައިގައި ބައިވެރިއެއް ނުވެވުނެވެ. ނަމަވެސް ބުނަން ބޭނުންވާ ދެތިން ލަފުޒު ހިތްވަރާއެކު ހޮވާޑް އަށް ބުނެދިނެވެ.
ހޮވާޑްގެ ކާފަ ދަރިއެއް ކަމަށްވާ އެރިން ސޮލާރީ ދިޔައީ، ދެލޮލުން ކަރުނަ ފޭދިފައިވާ ހާލުގައި ހުރެ އެ އެ ހާއްސަ ވަގުތުކޮޅު ކެމެރާއަކަށް ރެކޯޑްކުރަމުންނެވެ.
ލައުރާއަށް ހޮވާޑް ކިޔައިދިން ލަވައަކީ، އޮސްކާ ހޯދާފައިވާ، 1943 ވަނަ އަހަރު ނެރުނު ފިލްމު "ހެލޯ، ފްރިސްކޯ، ހެލޯ" އަށް އެލިސް ފަޔޭ ކިޔައިދީފައި "ޔޫވިލް ނެވާ ނޯ" އެވެ.
ލައުރާ އަދި ހޮވާޑްގެ ލޯބީގެ ނަމޫނާގެ ސަބަބުން ގިނަ ބައެއްގެ ތައުރީފު އޮހެވުމުންދާއިރު ގިނަ ބަޔަކު އެ ދެމަފިރިން ސިފަކުރަނީ އެމީހުންނަށް ފެނިގެންދިޔަ ނަމޫނާއެއްގެ ގޮތުގައެވެ.
"އެހާމެ ރީތި އަދި ދެރަވާ މަންޒަރު އެއް ވީޑިއޯ އަކުން. އަހަރެމެން އެންމެން ވެސް ކޮންމެވެސް ދުވަހަކުން މަރުވާނެ. އެކަމަކު ލޯތްބެއް މަރެއް ނުވާނެ. އެ ދެމީހުން އެކުގައި އަބަދުވެސް ވާނެ،" ޔޫޓިއުބަށް ކޮމެންޓް ކުރި މީހަކު ބުނެފައިވެ އެވެ.
އެހެން މީހަކު ބުނިގޮތުގައި އެ ވީޑިއޯގެ ސަބަބުން އޭނާ ފެންކަޅި ކޮށްލައި، "ލޯތްބަށް އިތުބާރު ކުރުވަން ހިތްވަރު ލިބިއްޖެ" އެވެ.