އެންމެން ވެސް މިހާރު ދައްކަނީ އާމިރު ޚާން ފަލަ ވާހަކައެވެ. އިންޑިއާގެ އީ ކޮމާޝަލް ވެބްސައިޓެއް ކަމަށްވާ، ސްނެޕްޑީލް އެއްގެ އިސްތިހާރަކުން އޭނާ ދާދިފަހުން ފެނުމުން އެވާހަކަ ދައްކާ މީހުން އަދި އިތުރެވެ. ނަމަވެސް، އޭނާ މިހާރު ކުޅޭ ފިލްމު "ޑަންގަލް"ގައި ފަލަނުވެ ވާކަށްވެސް ނެތެވެ.

"މޯޓީ" ނުވަތަ ފަލަ ވިޔަސް ނުވިޔަސް އާމިރު ޚާން އަށް ކުރުނީސް ކުރާނެ ތަރިއަކު އެބަހުއްޓެވެ. އާމިރު ޚާން ފެނިގެންދިޔަ އިސްތިހާރު ބެލުމަށްފަހު "އޭކް ޕެހެލީ ލީލާ"ގެ ތަރި ސަނީ ލިއޯނަށް އަދިވެސް އާމިރު ވަރެއް ނެތެވެ.

ވީޑިއޯއާ ގުޅިގެން ސަނީ ލިއޯން ކުރި ޓްވީޓެއްގައި ބުނަނީ، އާމިރު ޚާން ސްނެޕްޑީލްގެ އިސްތިހާރުން ފެނުނު ކަމަށާއި "މޯޓީ ވިޔަސް ނުވިޔަސް އާމިރު އަދިވެސް ރީތި. ލޯބިވޭ،" ކަމަށެވެ.

ސަނީ ލިއޯންގެ އެ މެސެޖަށް އާމިރު ދިނީ ކުރު ޖަވާބެކެވެ. އެކަމަށް ޝުކުރު އަދާކުރާ ކަމަށާއި އޭނާ ވެސް ސަނީ ލިިއޯން ދެކެ ލޯބިވާ ވާހަކައެވެ.

މީގެ ކުރިން ސަނީ ލިއޯން ވަނީ ބޮލީވުޑްގެ ޚާނުންނާއި ވާދަކުރުމުގެ ބަދަލުގައި އެމީހުންނާއެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

"އަހަރެން ބޭނުން އެމީހުންނާއެކު މަސައްކަތްކުރަން.. ސަލްމާން، ޝާހުރުކް ޚާން އަދި އާމިރު ޚާން. އެމީހުންނަކީ މެގަ ސްޓާރުން. އަހަންނާ ޝާހުރުކް ޚާން އާ ބައްދަލުވި. އެއީ ވަރަށް ރަނގަޅު މީހެއް. އާމިރަކީ މަގޭ ބަކެޓް ލިސްޓުގައި އިން މީހެއް. ސަލްމާނާއެކު މަސައްކަތްކުރަން ފުރުސަތު ލިބިއްޖެނަމަ، އުފަލާއެކު ގަބޫލުކުރާނަން،" މީގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ސަނީ ލިއޯން ބުނެފައިވެ އެވެ.

ހަގީގީ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ބަޔޯގްރެފިކަލް ސްޕޯޓްސް ފިލްމު "ޑަންގަލް" ގައި އާމިރް ޚާން ފެނިގެންދާނީ މަހާވީރް ސިންގް ޕޯގަޓް ކިޔާ ރެސްލިން ތަޅާ މީހެއްގެ ރޯލުންނެވެ. އެ ރޯލަށް އޭނާގެ ބަރުދަން އިތުރުކުރާއިރު، އެކަމުގެ ސަބަބުން އޭނާގެ ސިއްހަތަށް ވެސް ދަނީ ގެއްލުން ވަމުންނެވެ.

ޑިޒްނީ ސްޓޫޑިއޯ އިންޑިއާއިން ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒްކުރުމަށް ޝެޑިއުލް ކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.