ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު، "ޕްރޭމް ރަތަން ދަން ޕާޔޯ" ރިލީޒްކުރުމުގެ ކުރިން، އެ ފިލްމުގެ މިއުޒިކް ރައިޓްސް 17 ކުރޯޑް ރުޕީސް އަށް ވިއްކާލައިފި އެވެ. މިއީ ބޮލީވުޑްގެ ތާރީހުގައި ވެސް ހެދި އެންމެ ބޮޑު މިއުޒިކް އެއްބަސްވުމެވެ.

ސޯނަމް ކަޕޫރާއި އެކު ޑަބަލް ރޯލެއްގައި ސަލްމާން ޚާން ފެނިގެންދާ ފެމިލީ ޑްރާމާ އެ ފިލްމަކީ މިއަހަރުގެ ތެރޭގައި އެންމެ ގިނަ ބަަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ. ސަބަބެއް ނެތި އެއް ނޫނެވެ.

އެ ފިލްމަކީ 16 އަހަރަށްފަހު "ބަޖްރަންގީ ބައިޖާން"ގެ ތަރި ސަލްމާނާއި ޑައިރެކްޓަރު ސޫރަޖް ބަރުޖަތިޔާ އެކުގައި މަސައްކަތްކުރާ ފިލްމެކެވެ.

މީގެ ކުރިން ސަލްމާނާއި ސޫރަޖް އެކުގައި ހަދާފައިވާ ފިލްމު ތަކުގެ ތެރޭގައި ހިމެނޭ، "މައިނޭ ޕިޔާރު ކިޔާ" އަދި "ހަމް އަޕްކޭ ހޭ ކޯން" ފަދަ ފިލްމުތަަކަކީ ބޮޑު ކާމިޔާބީ ތަކެއް ހޯދާފައިވާ ފިލްމުތަކެކެވެ. އެ ފިލްމުތަކުގެ މިއުޒިކަކީ ވެސް ބެލުންތެރިންގެ މެދުގައި މަގްބޫލް އެއްޗެކެވެ.

ސަލްމާނާއި ސޯނަމްގެ އިތުރުން މައި ތަރިންގެ ގޮތުން އެ ފިލްމުން ފެނިގެންދާނީ ނެއިލް ނިތިން މުކޭޝްއެވެ.

"ޕްރޭމް ރަތަން ދަން ޕާޔޯ"ގެ ފުރަތަމަ ޓްރެއިލާ އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، ފިލްމު ބޮޑު ސްކްރީނުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.