25 Sep 2015, 10:32
ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެކަޑަމީ އެވޯޑްސް ނުވަތަ އޮސްކާއަށް އިންޑިއާގެ ފަރާތުން، އިންޑިއާގެ ލީގަލް ސިސްޓަމް ސިފަކޮށްދިނުމަށް އެގައުމުގެ މަރުކަޒީ ރަށް، މުމްބާއީގެ ދަށު ކޯޓެއްގައި ހިނގާ މައްސަލައަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމު، "ކޯޓް" ފޮނުވަން ނިންމައިފި އެވެ.
މިއަހަރުގެ މޭ މަހުގެ ބޭއްވި އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑްސްގައި މިދިޔަ އަހަރުގެ އެންމެ މޮޅު ފީޗާޑް ފިލްމުގެ އެވޯޑް ހޯދާފައިވާ ޗައިތަންޔާ ތަމްހަނޭ ޑައިރެކްޓުކުރި ފުރަތަމަ ފިލްމު، "ކޯޓް" 88 ވަނަ އޮސްކާ އެވޯޑްސް އަށް ފޮނުވަން ނިންމާފައިވަނީ، ބެސްޓް ފޮރިން ލޭންގުއޭޖް ފިލްމު ކެޓަގަރީ އަށެވެ.
މުޅިން ވެސް ފިލްމީ ދާއިރާއަށް އާ މޫނުތަކެއް ހިމަނައިގެން ހެދި އެ ފިލްމު، ޕްރިމިއާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިޓަލީގައި ބޭއްވި 71 ވަނަ ވެނީސް ފިލްމު ފެސްޓިވަލުގައެވެ.
އެ ފެސްޓިވަލުގައި "ކޯޓަށް" ވަނީ ހޮރައިޒަންސް ކެޓަގަރީން އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބިފައެވެ. އަދި ފިލްމުގެ ޑައިރެކްޓަރު، ތަމްހާން އަށް ވަނީ ލަޔަން އޮފް ދަ ފިއުޗާގެ އެވޯޑް ލިބިފައެވެ.
މުމްބާއީ، ސިންގަޕޫރު، އޮސްޓްރިއާ އަދި ތުރުކީގައި މިއަހަރު ބޭއްވި ބޮޑެތި ފިލްމު ފެސްޓިވަލްތަކުގެ އިތުރުން ގިނަ ފިލްމު ފެސްޓިވަލުތަކަކުން ތަފާތު 18 އެވޯޑެއް ހޯދާފައިވާ އެ ފިލްމު، އިންޑިއާގައި ސިނަމާތަކުގައި އަޅުވާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު އެވެ.
އޮސްކާއަށް އިންޑިއާއިން "ކޯޓް" ފޮނުވަން ފިލްމު ފެޑަރޭޝަން އޮފް އިންޑިއާއިން ނިންމުމުން ގިނަ ބަޔަކު ވަނީ އެކަމަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާތަކުގައި ވާހަކަދައްކަމުންނެވެ.
އެގޮތުން، އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑްސްގައި މިދިޔަ އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނު ހަންސަލް މެހްތާ ވިދާޅުވި ގޮތުގައި، ފިލްމު ފެޑަރޭޝަން އޮފް އިންޑިއާއިން އޮސްކާއަށް ފޮނުވަން ނިންމާފައިވާ ފިލްމަކީ ރަނގަޅު ނިންމުމެކެވެ.