ހުޅަނގުގެ ޙަމަލާތަކެއްގައި ގައްޒާފީގެ ރިޔާސީ އެކުވެންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި
ލީބިޔާއާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން ދެމުންގެންދާ ވައިގެ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ޗައިނާއާއި ރަޝިޔާއިން ގޮވާލައިފިއެވެ.

ޗައިނާގެ ޚާޖިއްޔާއިންބުނީ ހުޅަނގުގެ ބާރުތަކުން ލީބިޔާއާށް ދޭ ޙަމަލާތައް އދ. ގެ ޤަރާރުގެ އިމުން ބޭރުވެއްޖެ ކަމަށާއި މިޙަމަލާތަކުން ލީބިޔާގެ ޢާންމުން މަރުވެ ލީބިޔާގެ ޙާލަތު ކާރިޘާއަކަށް ބަދަލުވަމުންދާކަމުގެ އިންޒާރު ދީފައެވެ.

ރަޝިޔާއިންވެސް ވަނީ ހުޅަނގުގެ ވައިގެ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. ލީބިޔާއަށް ހުޅަނގުން ޙަމަލާތައް ދެމުންގެންދާ މައްސަލާގައި ރަޝިޔާގެ އެންމެ ބާރުގަދަ ދެ ބޭފުޅުން ކަމަށްވާ ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިންއާއި ރައީސް ޑިމިޓްރީ މިޑްވެޑޭވްވަނީ ދެބަސްވެ ވަޑައިގެންފައެވެ.

ގައްޒާފީގެ ބާރުތައް ބަލިކުރުމަށްޓަކައި ކޮންމެވެސް ވަރެއްވަރެއްގެ ޙަމަލާތަކެއް އެޤައުމަށް ދިނުމަށް ރައީސް މިޑްވެޑޭވް ތާއީދު ކުރައްވާއިރު ބޮޑުވަޒީރު ޕޫޓިންވަނީ ލީބިޔާއަށް އެއްވެސް ޙަމަލާއެއް ދިނުމާ ދެކޮޅުހައްދަވައި ހުޅަނގު އިސްކޮށް އޮވެގެން އދ. ން ލީބިޔާއާ ދެކޮޅަށް ފާސްކުރި ޤަރާރު ވީޓޯ ނުކުރި މައްސަލާގައި ރައީސް މިޑްވެޑޭވްދެކެ ހިތްޕުޅު ހަމަނުޖެހޭކަން ހާމަކުރައްވާފައެވެ.

ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންވެސްވަނީ ހުޅަނގުގެ ބާރުތަކުން ލީބިޔާއަށް ދެމުންގެންދާ ހަމަލާތަކުން ލިބިޔާގެ ރައްޔިތުން މަރުވެ ލިބިޔާގެ ތަންތަން ފުނޑުފުނޑުވަމުންދިޔުމަކީ ޤަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށް ވިދާޅުވެފައެވެ. އުރުދުޣާން ވިދާޅުވީ ތުރުކީގެ ބަޑިތައް ލީބިޔާއަށް އަމާޒުނުކުރާނެ ކަމަށާއި އެހެންބަޔަކުވެސް މިކަންކުރަން ތުރުކީ ނޭދޭ ކަމުގައެވެ.

ނަމަވެސް ލީބިޔާގެ ކަންތައްތައް މިޙާލަތަށް ގެންދިޔުމުގައި މަސްއޫލުވެ ވަޑައިގަންނަވަންޖެހޭ އެޤައުމުގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ވެރިކަން ދޫކޮށްލެއްވުމަށްފަހު އަވަހަށް ޤައުމުން ބޭރަށް ވަޑައިގަތުމަށް އުރުދުޣާން ގޮވާލެއްވިއެވެ.

ތުރުކީގެ އިތުރުން ލީބިޔާގެ އަވަށްޓެރި ޢަރަބި ޤައުމެއް ކަމަށްވާ އަލްޖަޒާއިރުންވެސްވަނީ ހުޅަނގުގެ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި މިހަމަލާތަކުން ލީބިޔާގެ އިތުރު ރައްޔިތުން މަރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

ހުޅަނގުގެ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ގައްޒާފީގެ ބާރުތައް ގެންދަނީ ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ބަދަލު ހިފުމުގެ ވަރުގަދަ ހަމަލާތަކެއް އެއްގަމުން މަގުން ދެމުން ކަމަށް ލީބިޔާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
އަނެއްކޮޅުން ލީބިޔާއަށް ޙަމަލާދޭ މައްސަލާގައި ނޭޓޯގެ މެންބަރު ޤައުމުތައްވެސް މިހާރުދަނީ ބައިބައިވަމުންނެވެ. ނޭޓޯގައި ދެވަނައަށް އެންމެ ބޮޑު ޤައުމުކަމަށްވާ ތުރުކީން ލީބިޔާއަށް ޙަމަލާދިނުމުގައި ބައިވެރިނުވާނެކަން ހާމަކުރާއިރު އިޓަލީންވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ގުޅިގެން ލީބިޔާއަށް ދޭ ހަމަލާތަކަކީ އަމާޒެއް އަދި ސްޓްރެޓެޖީއެއްނެތް ޙަމަލާތަކެއް ކަމަށް ސިފަކޮށްފައެވެ.

އަދި މިޙަމަލާތަކުގައި ބޭނުންކުރުމަށް އިޓަލީގެ ވައިގެ ބޭސްތައް ބޭނުންކުރުން މަނާކުރަންޖެހިދާނެ ކަމުގެ އިންޒާރުވެސް އިޓަލީގެ ޚާރިޖީ ވަޒިރު ވަނީ ދެއްވާފައެވެ. އިޓަލީ ބޭނުންވަނީ ލީބިޔާއާ ދެކޮޅަށް ދޭ ޙަމަލާތަކުގެ ކޮމާންޑް ނޭޓޯގެ ދަށަށް ގެނައުމަށެވެ. ނަމަވެސް ނޭޓޯގެ އެހެން ބައެއް ޤައުމުތަކުން މިކަމަށް ދެކޮޅު ހަދައެވެ.

އެމެރިކާވަނީ ލިބިޔާއާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގެ ކޮމާންޑް ނޭޓޯއާ ޙަވާލުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. -- އަލްޖަޒީރާ, ނޫސްއެޖެންސީތައް