25 Sep 2015, 10:37
"ހަންގާ ގޭމްސް" އަދި "ސްޓާ ވޯސް" އަކީ މިއަހަރު ކުރިއަށް ރިލީޒްކުރަން ހުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ އުއްމީދުކުރާ ދެ ފިލްމު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ މީޑިއާ ކުންފުންޏެއް ކަމަށްވާ، ޕީޑްމޮންޓް މީޑިއާ ރިސާޗް އިން ހެދި އެ ދިރާސާއިން ދައްކާގޮތުން، ފްރާންސިސް ލޯރެންސް ޑައިރެކްޓްކުރާ ސައިންސް ފިކްޝަން ފިލްމު، "ދަ ހަންގާ ގޭމްސް: މޮކިންޖޭ - ޕާޓް 2" އަދި ޖޭޖޭ އަބްރަމްސް ގެ އެޕިކް ސްޕޭސް އޮޕެރާ ފިލްމު، "ސްޓާ ވޯސް – ދަ ފޯސް އެވޭކަންސް" އަކީ މިއަހަރު ކުރިއަށް ނުކުންނަން ހުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ ތެރޭގައި އެންމެ މަގްބޫލު ދެ ފިލްމެވެ.
މިއީ ކުރިއަށްހުރި ފިލްމުތައް ގިންތިކުރުމަށް ޕީޑްމޮންޓް މީޑިއާ ރިސާޗުން ކުރިއަށް ގެންދިޔަ މިފަދަ ފަސް ވަނަ ދިރާސާއެވެ.
ޖުމްލަ 3000 މީހުންނާ ސުވާލުކޮށް ސުމަކާއި 1000 ދޭތެރޭގެ އަދަދަކުން ކުރިއަށްހުރި ފިލްމުތައް ގިންތި ކުރާ އެ ދިރާސާ އިން، އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ހަންގާ ގޭމްސް" ގެ ހަތަރު ވަނަ އަދި އެންމެ ފަހު ބަޔަށް ލިބިފައިވަނީ 514 ގެ ރޭޓިން އެކެވެ.
މިއީ ޕީޑްމޮންޓުގެ ދިރާސާ ކުރަން ފެށި ފަހުން ލިބުނު އެންމެ ބޮޑު ރޭޓިން އެވެ.
މިއަަހަރުގެ ފަހުކޮޅު ރިލީޒްކުރަން ތައްޔާރުވާ ފިލްމު "ސްޓާ ވޯސް" ގެ އެންމެ ފަހު ބަޔަށް 495 ގެ ރޭޓެއް ލިބުނުއިރު، އެ އަދަދަކީ ޕީޑްމޮންޓުން ދިރާސާކުރަން ފެށި ފަހުން ފިލްމަކަށް ތިން ވަނަ އަށް ލިބުނު އެންމެ ބޮޑު ރޭޓެވެ.
އެ ދެ ފިލްމުގެ އިތުރުން ބެލުންތެރިންގެ ފަރާތުން ދެން އެންމެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކަކީ 313 ގެ ރޭޓެއް ލިބުނު، "ހޮޓެލް ޓްރަންސަލްވޭނިއާ 2" އާއި 255 ގެ ރޭޓެއް ލިބުނު ސްކައި-ފީ އެޑްވެންޗާ ފިލްމު "ދަ މާޝަން" އެވެ.
މީގެ އިތުރުން، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މުޅި ދުނިޔެއަށް ރިލީޒްކުރަން ހަމަޖެހިފައިވާ ޖޭމްސް ބޮންޑުގެ ފިލްމު، "ސްޕެކްޓާ" އަށް 282 ގެ ރޭޓިން އެކެވެ.
މައުލޫމާތު: ވެރައިޓީ