24 Sep 2015, 22:40
ކުރިމަތިވާ ގޮންޖެހުންތަކުންނާއި އިންސާނީހައްގުތައް ހިމާޔަތްކުރަން ކުރާ މަސައްކަތުގައި އެހެންގައުމުތަކުގެ އެހީއާއި ހިޔާލު ބޭނުންވާ ކަމަށާއި އެ ހިޔާލުތަކަށް ރާއްޖެއިން ތާއީދު ކުރާނެ ކަމަށް ރާއްޖޭގެ ފޮރިން ސެކްރެޓެރީ ޑރ. އަލީ ނަސީރު ވިދާޅުވެއްޖެ އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ޖެނީވާގައި ކުރިއަށް ގެންދިއަ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ދަށުން، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަލަން ބޭއްވި ބައްދަލުވުމަށްފަހު ގައުމުތަކުން ވަނީ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން ރާއްޖޭގައި އިންސާނީ ހައްގުތަށް ކަށަވަރުކޮށްދިނުމުގައި ފަރުވާކުޑަ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އދ. ޔޫޕީއާރު ރިޕޯޓަށް ޖަވާބުދާރީވަމުން އދ ގެ 30 ވަނަ އާންމު ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން ސެކެރެޓްރީ ޑރ އަލީ ނަސީރު މިރޭ ވިދާޅުވީ ބަދަލުތަށް ދެމެހެއްޓެނިވި ގޮތެއްގައި ދެމި ހުއްނާނީ ގައުމު ކުރިއެރުމުން ކަމަށާއި، ގައުމުގެ ކުރިއެރުމަށް ވަގުތާއި ތަން ބޭނުންވާ ކަމަށެވެ.
" ބޮޑެތި ގައުމުތަކަށްވެސް ކަންކަން އިސްލާހު ކުރަން ދިގު މުއްދަތެއް ވަނީ ނަގާފައި، އެކަމަކު ރާއްޖެއިން ކުރު މުއްދަތެއްގެ ތެރޭގައި އަވަސް އަދި އިސްލާހީ ބަދަލުތަކެއްވެސް ވަނީ ގެނެސްފައި. ވޭތުވެ ދިޔަ 10 އަހަރު ތެރޭ ރާއްޖެއިން ހޯދި ކާމިޔާބީއަކީ ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެއް " ޑރ އަލީ ނަސީރު ވިދާޅުވި އެވެ.
ރާއްޖޭގައި އިންސާނީ ހައްގުތަށް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އަދި މިހާރުވެސް ކުރަމުންދާ ކަމަށް ނަސީރު ވިދާޅުވި އެވެ. ލިބެން ހުރި މަދު ވަސީލަތްތަކާއި އެކުވެސް އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނާއި ގުޅިގެން ރާއްޖެ ވަނީ އިންސާނީ ހައްގުތަކާއި ވަރަށް ބޮޑަށް ގުޅިފައި ކަމަށް ނަސީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
"ރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން އިންސާނީ ހައްގުތަށް ހިމާޔަތް ކުރުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ޔޫޑީއެޗްއާރަށް ދިވެހި ސަރުކާރުން ދޭނެ" ޑރ އަލީ ނަސީރު ވިދާޅުވި އެވެ.
ޔޫޕީއާރު ޕްރޮސެސް ކުރިއަށްދާ ގޮތާ ބެހޭގޮތުން ހިއުމަންރައިޓްސް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަލީ ނަސީރު ވިދާޅުވީ ހިއުމަން ރައިޓްސް ކައުންސިލުން ގިނަ ކަންތައްތަކެއް ދަސްކުރަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ޔޫޕީއާރުން މިނިވަން ކަމާއި އެކު ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ޔޫޕީއާރު ރިޕޯޓުގައި ފާހަގަކުރި 258 ކަމެއްގެ ތެރެއިން ރާއްޖެއިން ގަބޫލުކޮށްފައިވަނީ 198 ކަމެކެވެ.
ޔޫޕީއާރު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމުގެ ތެރެއިން ގިނަ ގައުމުތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޖަލު ހުކުމާ ބެހޭގޮތުންނެވެ. ގިނަ ގައުމުތަކުން ބުނެފައި ވަނީ އެއީ އިންސާފުން ބޭރުން ކުރެވުނު ޝަރީއަތެއް ކަމަށެވެ.
އެކަމާއި ބެހޭގޮތުން މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ބުނީ އޭނާގެ ބައްޕަ ޖަލަށްލާފައި ވަނީ ބޭއިންސާފުން ކަމަށާއި އެކަމަށް އިންސާފު ބޭނުންވާ ކަމަށެވެ.
" މުހައްމަދު ނަޝީދަކީ ހަމައެކަނި އަހަރެންގެ ބައްޕައެއް ނޫން. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. ހުރިހާކަމެއްގެ އެންމެ ބޮޑު އެހީތެރިޔާ." މީރާ ބުންޏެވެ.
ނަޝީދުގެ މައްސަަލަ ޔޫއެން ވޯކިންގް ގުރޫޕުގައި އޮތްކަން ފާހަގަކޮށް މީރާ ބުނީ އޭނާގެ ބައްޕަގެ މައްސަލާގައި ސަރުކާރުގެ ފަރާތުން ވަކާލާތު ކުރަނީ މަޝްހޫރު ގާނޫނީވަކީލު ޝެރީ ބްލެއާ ނަމަވެސް އޭނާގެ ބައްޕަގެ މައްސަލަ އިންސާފުން ނިންމަދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.